ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހިތާ ހަތަރު މަސްވެފައިވާ 18 އަހަރުން މަތީގެ މީހުންނަށް ހަތަރު ވަނަ ޑޯޒް ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑުގެ ހަތަރު ވަނަ ޑޯޒު ދޭން ފަށާފައިވާ ކަމަށެވެ.
ހަތަރު ވަނަ ޑޯޒަކަށް ޖަހަނީ ފައިޒާ ވެކްސިނެވެ.
އެޗްޕީއޭ އިން ބުނީ މާލޭގައި މި ވެކްސިން ޖަހާނީ އެޕޮއިންޓްމަންޓު އުސޫލުން ކަމަށެވެ. އަދި އަތޮޅުތެރޭގައި އެ ރަށެއްގެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލަކުން އާންމު ކުރާނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ ކުދިންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ ކުދުންނަށް އެ ޑޯޒްވެސް މިހާރު ދޭނެ ކަމަށަ އެޗްޕީއޭ އިން ބުންޏެވެ.
މާލެ ސަރަހއްދުގައި ވެކްސިން ޖަހާ ސެންޓަރުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލާއި ދަމަނަވެށީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ މެންދުރު 12:00 އިން 14:00 އަށެވެ. ދަމަނަވެށިން ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 13:00 އިން 15:00 އަށެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އިން 15:00 އަށެވެ.
މިހާތަނަށް ރާއްޖެއިން 1206 މީހަކު ކޮވިޑު ވެކްސިންގެ ހަތަރު ވަނަ ޑޯޒް ވަނީ ޖަހާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު