މިރޭ ބޭއްވި ހާއްސަ އެޕަލް އިވެންޓްގައި އައިފޯން 14ގެ އިތުރުން އެޕަލް ގަޑީގެ ސީރީސް އަށެއްގެ ޕްރޮޑަކްޓްތަކާއެކު އާ އެއާޕޮޑްސް ދައްކާލައިފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެޕަލް އިވެންޓް މިރޭ ބާއްވާފައިވާ އިރު، އެޕަލްއިން މިރޭ އިއުލާންކުރި ޕްރޮޑަކްޓްތަކަށް ޕްރީ އޯޑަރަށް ހުޅުވާލާނީ މިމަހާއި އަންނަ މަހުގެ ތެރޭގައެވެ. އާ އައިފޯން މޮޑެލްއާ އެކު ގަޑީގެ އާ މޮޑެލްތައް އަދި އެއާޕޮޑް ޕްރޯގެ ދެވަނަ ޖެނެރާޝަންގެ އާ ޕްރޮޑަކްޓްވެސް ހިތްގައިމެވެ. އަދި އެޕަލްއިން ވަނީ ތަފާތު ފީޗާތަކެއް އާ ޕްރޮޑަކްޓްތަކުގައި ހިމަނައިފައެވެ.
އައިފޯން 14 ގެ ހަތަރު މޮޑެލްއެއް މިރޭގެ އިވެންޓްގައި އިއުލާން ކޮށްފައިވެއެވެ. އެއީ އައިފޯން 14، 14 ޕްލަސް، 14 ޕްރޯ އަދި 14 ޕްރޯމެކްސްއެވެ. ހިތްގައިމު "ސިމްޕަލް" ޑިޒައިނެއްގައި އައިފޯން 14 އިއުލާން ކޮށްފައި ވަނީ ފަސް ކުލައެއްގައެވެ. އެއީ މިޑްނައިޓް، ސްޓާލައިޓް، ބްލޫ، ޕާޕަލް އަދި ޕްރޮޑަކްޓް ރެޑެވެ. ބަޔޯނިކް އޭ15ގެ ޗިޕަކާ އެކު އޮލެޑް ޑިސްޕްލޭއެއްގައި އައިފޯން 14 އިއުލާން ކޮށްފައިވާ އިރު، އެޕަލްއިން ބުނެފައި ވަނީ އެ ފޯނު ވެގެންދާނީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ރަނގަޅު ބެޓެރިލައިފެއް އެކުލެވޭ ފޯނަށް ކަމަށެވެ.
އައިއޯއެސް 16އާ އެކު އައިފޯނުގެ ޗާލުކަން ފުރިހަމަ ވެގެންދާނެ ކަމަށް އެޕަލްއިން ބުނެފައިވާ އިރު، ކެމެރާގެ ފެންވަރުވެސް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އާ ކެމެރާއެއް ކަމަށްވާ "ޓްރޫ ޑެޕްތު" ކެމެރާއެއްވެސް ފޯނުގެ ފްރޮންޓް ކެމެރާގެ ގޮތުގައި ހިމަނާފައިވެއެވެ. އެ ކެމެރާއާ އެކު ގްރޫޕް ސެލްފީތައް ނަގަން ފަސޭހަވެ، އަލިމަޑު ތަންތަނުގައިވެސް ސެލްފީތައް ނަގާލުމަށް އިތުރު ފުރިހަމަ ކަމެއް ފޯނަށް ގެނެސްފައިވާނެ ކަމަށް އެޕަލްއިން މިރޭގެ އިވެންޓްގައި އިއުލާން ކޮށްފައިވެއެވެ.
އޭގެ އިތުރުންވެސް ވީޑިއޯ ސްޓޭބަލައިޒޭޝަން އިތުރުކޮށް، ވައިޑް ކެމެރާތަކުގެ ބޭނުންވެސް އެންމެ ރަނގަޅަށް ކުރެވޭނެ ބަދަލުތައް ކެމެރާތަކަށް ވަނީ ގެނެސްފައެވެ. ހާއްސަކޮށް އެކްޝަން މޯޑުގައި ވީޑިއޯތައް ސްޓޭބަލްކޮށް ނަގައިލުމަށް އައިފޯނު 14 ގެ ކެމެރާތައް ވަނީ އެޖަސްޓްކޮށްފައެވެ. އޭގެ އިތުރުން އެއް އީ ސިމްއަށްވުރެ ގިނަ އީ ސިމް އައިފޯނު 14 ގައި ބޭނުން ކުރެވޭ އިރު، އެމެރިކާގެ މޮޑެލްތަކުގައި ސިމް ޓްރޭވެސް ހިމަނާފައެއް ނުވެއެވެ.
އައިފޯނު 14ގައިވެސް "ކްރޭޝް ޑިޓެކްޝަން" ޓެކްނޮލޮޖީ ހިމަނާފައިވެއެވެ. އެ ޓެކްނޮލޮޖީއާ އެކު އެކްސިޑެންޓެއްވުމާ އެކު ކަމާބެހޭ ފަރާތްތަކަށް ފޯނުން އެލާޓް ކުރުމަށްވެސް އަރާނެއެވެ.
އައިފޯނު 14 ގެ އާ ފީޗާތަކުގެ ތެރޭގައި ޑޭޓާ އަދި ވައިފައި ނުލިބޭ ހިސާބަކަށް ގެއްލިއްޖެނަމަ، ސެޓެލައިޓްގެ ހިދުމަތް ހޯދޭނެ ޓެކްނޮލޮޖީއެއް ވަނީ ހިމަނައިފައެވެ.
އަލަށް އިއުލާންކުރި އައިފޯނަށް ޕްރީ އޯޑަރަށް ހުޅުވާލާނީ ނޮވެންބަރު މަހުގައެވެ. ފުރަތަމަ ޕްރީ އޯޑަރަށް ހުޅުވާލާނީ އެމެރިކާގެ އިތުރުން ކެނެޑާއަށެވެ. މިރޭގެ އިވެންޓުގައި އެޕަލްއިން ތިމާވެށީގެ ހިމާޔަތަށް ކުރަމުންދާ ގިނަ މަސައްކަތްތަކެއްވެސް ފާހަގަކޮށްފައިވާ އިރު، އައިފޯނު އުފެއްދުމުގައި އެ ކުންފުނިން ތިމާވެށީގެ ކަންކަމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމަށްވެސް އިއުލާން ކޮށްފައިވެއެވެ.
އެޕަލް ސައިޓުން އެޕަލް އައިފޯން 14 ގެ ޕްރި އޯޑަރު ނަގަން ފަށާނީ މިމަހު ނުވައެއްގައެވެ. އަދި އައިފޯން 14 މިމަހު 16 އިން ފެށިގެން މާކެޓުން ލިބޭނެއެވެ. އައިފޯން 14 ޕްލަސް މާކެޓުން ލިބޭނީ އޮކްޓޯބަރު މަހުގައެވެ. އައިފޯން 14ގެ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން 14 ޕްލަސްގެ އަގަކީ 899 ޑޮލަރެވެ.
އައިފޯން 14 ޕްލަސްއަށް އާ ކުލައެއް އެޕަލްއިން ވަނީ ތައާރަފް ކޮށްފައެވެ. އެއީ "ޑީޕް ޕާޕަލް"އެވެ.
އެޕަލް އައިފޯން 14 ޕްރޯގެ އެންމެ ބޮޑު ތަފާތުތަކެއް ގެނެސްފައި ވަނީ ކެމެރާއަށެވެ. ހާއްސަކޮސް ޕްރޮފެޝަނަލް ފޮޓޯގްރަފީގައި ބޭނުން ކުރެވޭނެ ވަރަށް އެޕަލްއިން ވަނީ 14 ޕްރޯ އަދި 14 ޕްރޯ މެކްސްގެ ކެމެރާއަށް ކުރިއެރުންތައް ގެނެސްފައެވެ. އެގޮތުން އެ ދެ ފޯނުގައިވެސް ބޭނުންކުރާނީ 48 މެގަ ޕިކްސެލްގެ ކެމެރާއެކެވެ. ސިނެމެޓިކް ވިޑިއޯ މޯޑުގައި 4K/30fps އަދި 4K/24 ވީޑިއޯ ނެގުމުގެ ގާބިލުކަން އައިފޯން ޕްރޯ އާއި މެކްސްގެ ކެމެރާގައި ހިމެނިފައިވެއެވެ.
ވައިޑް ކެމެރާގެ ފީޗާސް ތިން ގުނައަށް އެޕަލްއިން ރަނގަޅު ކޮށްފައިވާ އިރު، އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސްގައި ބޭނުންކުރާނީ އޭ16 ގެ ބަޔޯނިކް ޗިޕެކެވެ.
ހާޑްވެއާގެ އިތުރުން އައިއޯއެސް 16އާ އެކު އައިފޯން ޑިސްޕްލޭގެ އެންމެ މައްޗަށް ޑައިނަމިކް އައިލެންޑްގެ ހާއްސަ ފީޗާއެއް ޕްރޯ އާއި މެކްސްގައި ތައާރަފް ކޮށްފައިވެއެވެ. އެ ޑިސްޕްލޭއަކީވެސް އަބަދުވެސް ފޯނުގެ އެންމެ މަތިން ފެންނަން އިންނާނެ ޑިސްޕްލޭއެކެވެ. ޑިސްޕްލޭގައި ފެންނަ އެ ބާއިން އަބަދުވެސް ލައިވްކޮށް ފޯނުގައި ކުރަމުންދާ ކަންކަން ތަފްސީލުކޮށް ފެންނަމުންދާނެއެވެ.
އައިފޯން 14 ޕްރޯ އަދި މެކްސްވެސް މި މަހު ތެރޭގައި ޕްރި އޯޑަރަށް ހުޅުވާލާ އިރު، ޕްރޯގެ އަގަކީ 999 ޑޮލަރެވެ. ޕްރޯ މެކްސްގެ އަގަކީ 1099 ޑޮލަރެވެ.
އެޕަލް ގަޑީގެ ސީރީސް އަށެއްވެސް މިރޭގެ އިވެންޓްގައި ވަނީ ދައްކާލައިފައެވެ. އެޕަލްއިން އަލަށް ނެރެން ތައްޔާރުކޮށްފައިވާ ގަޑީގެ ފީޗާސްތަކަކީވެސް ސިއްހީ ކަންކަމުގެ އިތުރުން ކަސްރަތުގެ ކަންކަމަށްވެސް ހާއްސަ ސަމާލުކަމެއް ދީފައިވާ ފީޗާތަކެކެވެ. އެގޮތުން ލޭގެ އޮކްސިޖަން ލެވެލް ގައިޑަށް އެނގޭ އިރު، މަލްޓި ސްޕޯޓްސް ވޯކްއައުޓަށް ހާއްސަ ފީޗާތަކެއް ގަޑީގައި ހިމަނާފައިވެއެވެ. ހުން ބެލުމަށާއި މެޑިކޭޝަންގެ ހާއްސަ ފީޗާތަކެއްވެސް ގަޑީގައި ހިމަނާފައިވެއެވެ.
ކުރިން އެޕަލްއިން އިއުލާނުކުރި ގަޑިތަކުގައި ހިމަނާފައިވާ ފީޗާތައް މިފަހަރުގެ ސީރީސް އަށެއްގައިވެސް އެޕަލްއިން ހިމަނާފައިވާ އިރު، ގަޑިއަށް ހާއްސަ އަވަސް ޗާޖިން ސިސްޓަމެއްވެސް ހިމަނާފައިވެއެވެ. ކްރޭޝް ޑިޓެކްޝަން ޓެކްނޮލޮޖީވެސް ގަޑީގައި ހިމަނާފައިވާ އިރު، ގަޑީގެ ސެލުލާ ނެޓްވޯކުން ރޯމިން ބޭނުން ކުރެވޭނެ ގޮތަށްވެސް އެޕަލްއިން ވަނީ ހަދައިފައެވެ.
އެޕަލް ގަޑީގެ ސީރީސް އަށެއްގައި އެސްއީ އާއި އަލްޓްރާގެ ޑިޒައިންވެސް މިރޭގެ އިވެންޓްގައި ދައްކާލާފައިވެއެވެ. އަލްޓްރާއަކީ ސައިޒުގެ ގޮތުންވެސް ބޮޑު އަދި ޑިޒައިން އިތުރަށް ފުރިހަމަ ކޮށްފައިވާ ގަޑިއެކެވެ. އެގޮތުން މިހާތަނަށް ތާރީހުގައިވެސް އެޕަލް ގަޑިއެއްގެ އެންމެ ގިނައިރު ހިފަހައްޓާ ބެޓެރިއެއް އަޅުވާފައި ވަނީ އަލްޓްރާގައެވެ. އެޕަލް ގަޑީގެ އަލްޓްރާގައި ގާތް ގަނޑަކަށް 60 ގަޑިއިރު ވަންދެން ޗާޖު ނުކޮށް އެ ގަޑި ބޭނުން ކުރެވޭނެއެވެ. ޓައިޓޭނިއަމްއިން ތައްޔާރުކޮށްފައިވާ އަލްޓްރާގެ ޑިޒައިނަކީ ހިތްގައިމު އަދި ނަލަ ޑިޒައިނެކެވެ.
އެޕަލްއިން މިފަހަރު އިއުލާން ކުރި ގަޑި ސީރީސްގެ އަށަކީވެސް އެތުލީޓުންނަށްވެސް ކަމުދާނެ ގޮތަކަށް ތައްޔާރު ކޮށްފައިވާ ގަޑިއެކެވެ. ހާއްސަކޮށް އެޕަލްއިން ވަނީ ދުވާ މީހުންނަށް ހާއްސަކޮށް، ގަޑީގެ އެކިއުރެސީ ވަރަށް ބޮޑުތަނުން ރަނގަޅުކޮށްފައެވެ. އަދި ފެތުންތެރިންނަށާއި އެހެނިހެން މޫދާއި ފެނުނު ކުޅިވަރުތަކަށްވެސް ގަޑި ހާއްސައެވެ.
އަލްޓްރާގައި ހިމެނޭ ހާއްސަ އޯޝިއޭނިކް ޕްލަސް އެޕަކީ ޑައިވަރުންނަށް ހާއްސަ އެޕެކެވެ. އެ އެޕް އެޕަލްއިން އަލްޓްރާގައި ހިމަނާފައި ވަނީ ޑައިވް ކޮމްޕިއުޓަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ ގަޑިއަކަށް އަލްޓްރާ ވާތީ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ. އެ އެޕް އަލްޓްރާގައި ހިމަނާފައި ވަނީ އާންމުކޮށް ބޭނުންކުރާ ގަޑީގެ ބަދަލުގައި ޑައިވްއަށް އިތުރު ގަޑިއެއް ބޭނުން ކުރަން ނުޖެހުން ކަމަށްވެސް އެޕަލްގެ އިވެންޓްގައި އިއުލާން ކޮށްފައިވެއެވެ.
އެޕަލް ގަޑީގެ ސީރީސް އަށެއްގެ ޕްރި އޯޑަރަށް މިމަހު ހުޅުވާލާ އިރު، އާ ޑިޒައިންގެ ގަޑިތައް ނެރޭނީ މިމަހުގެ ތެރޭގައެވެ. އަލްޓްރާއަށް އެޕަލް ސައިޓުން ޕްރި އޯޑަރު ކުރެވޭނެ އަގަކީ 799 ޑޮަލަރެވެ. އެސްސީގެ އަގުތައް 249 ޑޮލަރާއި 299 ޑޮލަރު އަގުގައި ހުރި އިރު، ސީރީސް އަށެއްގެ އަގުތަކަކީ 399 ޑޮލަރު އަދި 499 ޑޮލަރެވެ. 499 ޑޮލަރުގެ ގަޑިއަކީ ސެލުލާ ސާވިސް ލިބޭނެ ގަޑިއެވެ.
އެޕަލް އެއާޕޮޑްސް ޕްރޯއަކީ މިހާރު ދުނިޔޭގެ އެންމެ މަގުބޫލު ހެޑްފޯނުގެ ގޮތުގައި އެޕަލްއިން ސިފަކޮށްފައިވާ އިރު، މިރޭގެ އިވެންޓްގައި ވަނީ އަލަށް ނެރުނު އެއާޕޮޑްސް، އެއާޕޮޑްސް ޕްރޯ ސެކަންޑް ޖެނެރޭޝަން ޕަވާޑް ބައި އެޗް2 ވެސް ދައްކާލައިފައެވެ. އެއާޕޮޑްސްއަށް ގެނެސްފައިވާ އެންމެ ބޮޑު ކުރިއެރުމަކީ އެޗް2 ޕްރޮސެސާއެއް އެއާޕޮޑްގައި ހިމެނާފައިވުމެވެ. އަދި މިފަހަރުގެ ޕްރޮޑަކްޓްގައި ޗާޖިން ކޭސް ގެއްލިއްޖެނަމަ ހޯދޭނެ ފަސޭހަ ގޮތްތަކެއް ހިމަނާފައިވެއެވެ. އެގޮތުން ލޮކޭޝަން ހޯދޭނެ ޗިޕެއްވެސް ހިމެނިފައިވާ އިރު، ހާއްސަ ސްޕީކަރެއްވެސް ވަނީ ހިމަނައިފައެވެ.
އައިފޯން
އައިފޯން
އައިފޯން
އައިފޯން