ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް ވ. އާރަށް މައްސަލައިގައިި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ބުނި ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ޒިޔަތު ހާޒިރުކޮށް ވަނީ ހެކިބަސް ނަގައިފައެވެ.

ހެކިބަސް ދެމުން ޒިޔަތު ވަނީ، އާރަށުގެ މުއާމަލާތާއި ގުޅިގެން ނައީމް އޭނާއާ "ކޮމިއުނިކޭޓް" ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭނާ ގާތުގައި ވިދާޅުވި ކަމަށާއި އަދި އެއީ ރައީސް ޔާމީން ދަންނަވައިގެން ކަމަށްވެސް އަދީބު ވިދާޅުވި ކަމަށެވެ.

އާރަށުގެ އިކުއިޒިޝަން ކޯސްޓަކީ ފަސް މިލިއަން ޑޮލަރު ކަމަށް ކަނޑައެޅި ނަމަވެސް އެ އަގު ކުޑަކުރަން އަދީބު އެންގެވި ކަމަށާއި އެކަންވެސް އެންގީ ޔާމީން ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން އެރަށުގެ އަގު ތިން މިލިއަން ޑޮލަރަށް ކުޑަކުރުމަށްފަހު އެގްރީމަންޓް ކުރެވުނު އިރު، އެއަށްވުރެވެސް ކުޑަކޮށް ދެ މިލިއަން ޑޮލަރަށް އެރަށް އެގްރީމަންޓް ކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، ވ. އާރަށް ދޫކޮށްފައިވަނީ ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އެކަމުގެ އެގްރީމަންޓްގައި ސޮއިކުރެއްވީ 9 ސެޕްޓެމްބަރު 2015 ގައި އެމްއެމްޕީއާރުސީގެ މީޓިން ރޫމުގައި ކަމަށެވެ. އަދި ސޮއިކުރުމުގެ މަޖިލީހުގައި އަދީބާއި ނައީމާއި އިޓަލީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޔޮބާޓޯއާއި އެމްއެމްޕީއާރުސީގެ ހެކިވެރިއެއް ކަމަށްވާ މުހައްމަދު ޝިފާއު އިންނެވި ކަމަށްވެސް ވިދާޅުވިއެވެ.

"ސީދާ މަޖިލީހުގައި މަޝްވަރާތަކެއް ނުކުރޭ. އެހެންނަަމަވެސް މަޖިލިސް ނިންމާފައި އަޅުގަނޑު އޮފީހަށް، މިނިސްޓަރު އަދީބާއި ޔޫސުފް ނައީމާ ވަދެވަޑައިގެން، ނައީމް، ދެންނެވި އަޅުގަނޑާއި އަދީބު ކައިރީގައި މި އެގްރީމަންޓް ކަންތައް ނިންމާލެވުނީމާ ރައީސް ޔާމީން ވަރަށް ހިތްހަމަޖެހޭނެ ކަމަށް. އެއީ އެއް މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެ ކަމަށް،" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ އާރަށް ދޫކުރުމުގައި ކުންފުންޏަކީ ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްތޯ ނުވަތަ ނޫންތޯ އެމްއެމްޕީއާރުސީން ބަލާފައި ނުވާނެ ކަމަށެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، މި ހެކިބަހާ ގުޅިގެން ދައުލަތުން އޭނާއަށް އެއްވެސް ލުޔެއް ދީފައިނުވާ ކަމަށާއި މިހާރުވެސް އޭނާ ގެންދަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހުކުމް ތަންފީޒުކުރަމުން ކަމަށެވެ. އަދި އޭނާއާ ދައުލަތާމެދު އިއުތިރާފު އެއްބަސްވުމެއް ވެފައިވަނީ އޭނާގެ މައްޗަށް ހުކުމްކުރި ފަހުން ކަމަށާއި މިހާރު އެކަހަލަ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް އޭރު ހިޔާނާތުގެ 32 ދައުވާ އުފުލު އިރު، އެއީ މުޅިންވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރުމުގެ ހިންގާފައިވާ ހިޔާނާތާ ގުޅިގެން އުފުލި ދައުވާތަކެކެވެ. އެ ދައުވާތައް ސާބިތުވެ އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.