ޕެނަމާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް ސޯލިހުއަށް އަރުވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ފަތްކޮޅު އެރުވުމަށްފަހު، ބޭއްވި ބައްދަލުކުރެއްވުމުގައި ޕެނަމާގެ ސަފީރަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު އާއި ޕެނަމާގެ އާ ސަފީރު ވަނީ ދެގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވައިފައެވެ.

އެގޮތުން މަލްޓިލެޓަރަލިޒަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ޑިމޮކްރަސީ އާއި ކައުންޓާ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގައެވެ.