ކުޅިވަރު

ޖަޕާން ކައިރިން ބޮޑު މޮޅެއް ހޯދައިގެން ރާއްޖެއަށް ގްރޫޕުގެ ދެވަނަ

މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރުގައި ކުޅުނު ދެވަނަ މެޗުގައި ޖަޕާން ބަލިކޮށް، ރާއްޖެއިން ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖަށް ތައްޔާރުވެއްޖެއެވެ.

ސިންގަޕޫރުގެ އޯސީބީސީ އެރީނާގައި މެޗުތައް ކުރިއަށްދާ އިރު، މުބާރާތުގައި ޕްލިމިނަރީ ގްރޫޕް ސްޓޭޖެއްގެ އިތުރުން ދެވަނަ ބުރެއްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ކުޅޭނެއެވެ. ޖުމުލަ 11 ޓީމު މުބާރާތުގައި ވާދަކުރާ އިރު، ފުރަތަމަ ޕްރިލިމިނަރީ ގްރޫޕް ސްޓޭޖުގައި ކުޅުނީ ހަތަރު ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ރާއްޖެ ލައްވާލީ ގްރޫޕް ބީގައެވެ. އެގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސިންގަޕޫރާއި ޖަޕާނެވެ.

ޖަޕާނާއި ރާއްޖޭގެ އިތުރުން މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝީއާ، ހޮންކޮން، ތައިލެންޑުގެ އިތުރުން ބުރުނާއީ އަދި ޗައިނީސް ތައިޕޭއެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ވަރުގަދަ ސިންގަޕޫރާ ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ 96 ޕޮއިންޓު 10 ޕޮއިންޓުންނެވެ. އެ ސްކޯއަކީ ރާއްޖެއަށް ބޮޑު ބައްޔެއް ނަމަވެސް ސިންގަޕޫރުގެ ވަރުގަދަކަން ވޭތުވެދިޔަ މުބާރާތްތަކުގެ ނަތީޖާއިން ފެންނަން އެބައޮތެވެ. ސިންގަޕޫރަކީ އެންމެ ފަހުން ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލްގައިވެސް ކުޅުނު ގައުމެކެވެ. އަދި ފަހަކަށް އައިސް ސިންގަޕޫރަކީ އަބަދުވެސް ނެޓުބޯޅަ އޭޝިއަން ކަޕްގެ ގަދަ ތިން ޓީމުގައި ހިމެނެމުން އަންނަ ގައުމެކެވެ.

ދެވަނަ މެޗުގައި ރާއްޖެއިން މިއަދު ޖަޕާނާ ދެކޮޅަށް ނުކުމެ، ޖަޕާން ބަލިކުރީ 56-21 އިންނެވެ. އެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ ޕްރިލިމިނަރީ ގްރޫޕްގެ ދެވަނަ ޔަގީންވެފައެވެ. ދެވަނަ ބުރަށް ޓީމުތައް ރޭންކް ކުރާނީ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބެލުމަށްފަހުއެވެ. ރާއްޖެއަށް ގްރޫޕުގެ ދެވަނަ ލިބުމުން ރާއްޖެ ދިޔައީ ގްރޫޕްތަކުގެ ދެވަނަ ޓީމުތައް ދާ ގްރޫޕް އެފް އަށެވެ.

އެ ގްރޫޕުގައި ހިމެނެނީ ފިލިޕީންސާއި ރާއްޖޭގެ އިތުރުން ބްރުނާއީ އަދި ތައިލެންޑެވެ. ރާއްޖެ ހިމެނޭ އެ ގްރޫޕުގެ ޓީމުތަކަށް ރޭންކިން މެޗުތަކަށް ރަނގަޅު ފުރުސަތެއް ލިބޭނެއެވެ. އޭގެ އިތުރުން މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ރާއްޖެއަށް ވަނީ އޭޝިއަން އިންޑޯ ގޭމްސްއަށް ފުރުސަތު ލިބިފައެވެ.

އެއީ މުބާރާތުގެ ފަސްވަނައިން 10 ވަނައަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނުމުގެ ފުރުސަތެވެ. ގްރޫޕްތަކުގެ ފުލަށް ދިޔަ ޓީމުތައް ގްރޫޕް ޖީއަށް ދިޔަ އިރު، އެ ޓީމުތަކަކީ އިންޑިއާ އާއި ޖަޕާން އަދި ޗައިނޭސް ޓައިޕޭއެވެ. އެޓީމުތަކަށް ލިބެން އޮންނާނީ ރޭންކިންގެ ނުވަ ވަނަ ނޫނީ 10 ވަނަ ހޮވާ މެޗުގައި ކުޅުމުގެ ފުރުސަތެވެ.

ޕްރިލިމިނަރީ ބުރުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެއްވަނަ ޓީމުތައް ދިޔަ ގްރޫޕް އީގައި ހިމެނެނީ ސްރީ ލަންކާ ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ހޮންގްކޮންގެވެ. އެ ގްރޫޕުގެ ޓީމުތަކަކީ ސެމީގައިވެސް ވާދަކުރާނެ ޓީމުތަކެވެ.

ރާއްޖެއިން ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.