ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރުއޭސީއެލް)އިން ހިންގަމުން އަންނަ ހަތަރު އެއާޕޯޓެއްގައި ބެހެއްޓި ރެޕިސްކޭން ބްރޭންޑްގެ މެޝިންތައް ބޭނުންކުރުމުގެ ހުއްދަ، މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ދީފިއެވެ.

އާރުއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި މި މެޝިންތަކަކީ ދިވެހިރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން ޑާސާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބެހެއްޓި މެޝިން ތަކެކެވެ.

އަލަށް މެޝިންތައް ބަހައްޓާފައިވަނީ، ހދ.ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ޏ.ފުވައްމުލައް އެއާޕޯޓު، ގދ. މާވަރުލު އެއަރޕޯޓުގައެވެ.

މި އެއާޕޯޓުތަކުގައި އަލަށް ބެހެއްޓި މެޝިންތަކާއެކު އާރްއޭސީއެލް އިން ބޭނުން ކުރަމުން އަންނަ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑާސާ އިން އެކުލަވާލާފައިވާ "މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ސްކްރީނިން ޓެކްނޮލޮޖީ" ލިސްޓްގައި

ހިމެނޭ އެކްސްރޭ މެޝިންތަކެވެ.

އާރްއޭސީއެލް އިން ބުނީ އެ ހަތަރު އެއާޕޯޓުގައި ބެހެއްޓި މެޝިންތަކަކީވެސް ރެޕިސްކޭން ބްރޭންޑްގެ މެޝިން ތަކެއް ކަމަށެވެ. އެބްރޭންޑްގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑާއަކީވެސް އެކުންފުނި ކަމަށާއި އެހެންކަމުން ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

"މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުންވެސް ގިނަދުވަސްތަކެއްވަންދެން އުފުލަމުންއައި ތަކުލީފުތަކަށް ނިމުންއައިސް ދަތުރުފަތުރުކުރާ ފަރާތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ" އާރްއޭސީއެލް އިން ބުންޏެވެ.