ދަރިވަރުންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނަނީ އެ ކުދީން ކިޔަވަންދާ ސުކޫލު ހުންނަ ގޮތަކުން ނޫން ކަމަށް ބުނެ، އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ކާމިލުދީދީ ޕްރައިމަރީ ސްކޫލަށް ފާޑުކީ މީހުންނަށް ނައިބު ރައީސް ފައިސަލް ނަސީމް ރައްދުދެއްވައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި އެ ސްކޫލަކީ 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޓިނު ސްކޫލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުން ވަނީ ފާޑުކިޔައިފައެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރުގެ ހަނދާނުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައުމޫން ފައުންޑޭޝަނުން ލިޔުނު "އުމަރު ޒާހިރު، ނަމޫނާ ޝަހުސިއްޔަތެއް" ފޮތް ނެރުއްވުމަށް ބޭއްވި ހަފުލާގައި އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ފައިސަލް ވިދާޅުވީ ސުކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އެ ސުކޫލް ހަދާފައި ހުންނަ ގޮތެއްގެ ސަބަބުން ނޫން ކަމަށާއި އަދި އެއީ އެ ސުކޫލެއްގައި ޖަހާފައި ހުންނަ ޓިނަކާއި ގުޅުން ހުރި ކަމެއްވެސް ނޫން ކަމަށެވެ.
ނައިބް ރައީސް ވިދާޅުވީ ސުކޫލެއްގައި ދަރިވަރުން ތަރުބިއްޔަތު ވަނީ އަދި ރީތި ސިފަތައް ކުދީންގެ ކިބައިގައި އަށަގަންނަނީ އެ ސުކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށާއި އަދި ޖަހާފައި ހުންނަ މުއްޓަކުންނެއްވެސް ނޫން ކަމަށެވެ.
"ދަރިވަރުން ތަރުބިއްޔަތު ވަނީ ފުރާޅުގައި ޖަހާފައި ހުންނަ ޓިނާއި ކުލައަކުން ނޫން. ޖަހާފަ ހުންނަ މުއްޓަކުން ނުވަތަ އެ ސްކޫލެއް ހަދާފަ ހުންނަނީ ޓިނުންތޯ އެހެން އެއްޗަކުންތޯ ބެލުމެއްނެތި. ނަމަވެސް އެ ސުކޫލެއްގެ ހާއްސަކޮށް ލީޑަރެއްގެ ގައިގައި ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން،" ނައިބު ރައީސް ވިދާޅުވިއެވެ.