ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރި މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29, ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ޝިފާޒްގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ އާދަމް ވަނީ ޝިފާޒްގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާޒަކީ ޔޯގާ ހަމަނުޖެހުން ހިންގަން ގަލޮޅު ދަނޑަށް ވަން މީހެކެވެ. އަދި ހަމަނުޖެހުމުގައި އޭނާ އަމަލީ ގޮތުން ބައިވެެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސާމާއީލާއި މަޝްހޫރު ދެ ޝެއިހުން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ހިމެނެއެވެ.

ޝިފާޒް ފިޔަވައި ޔޯގާ ހައްޔަރީން ދޫކޮށްލާފައިވާ އިރު، ބައެއް މީހުން ދޫކޮށްލާފައިވަނީ ބަންދުގައި މަހަކަށްވުރެ ގިނަ ދުވަސް ބޭތިއްބުމަށް ފަހުއެވެ.