ރާއްޖޭގެ ރިޒާވް ފާއިތުވި އަހަރެއްހާ ދުވަހު ނުދާ މިންވަރަށް ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވްގައި ހުރީ 728.18 މިލިއަން ޑޮލަރެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ކޮވިޑާ ގުޅިގެން، 2020 ވަނަ އަހަރު ރާއްޖޭގެ ރިޒާވް ވަނީ 569 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ރިޒާވް ރަނގަޅުވެ، ވަނީ ބިލިއަނަކަށް އަރައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށް ރިޒާވް ދަށަށް ދިއުމަށްފަހު މާޗު މަހުން ފެށިގެން އަނެއްކާވެސް ރިޒާވް މަތިވެފައިވެއެވެ.
ރިވާޒް ދަށަށް ދާން ފެށީ މިދިޔަ މެއި މަހުން ފެށިގެންނެވެ. އެގޮތުން ފާއިތުވި ތިން މަހުވެސް ރިޒާވް ވަނީ ދަށަށް ގޮސްފައެވެ. އަދި މިދިޔަ މާޗުން ޖުލައިގެ ނިޔަލަށް ރިޒާވުން 137 މިލިއަން ޑޮލަރު މަދުވެފައިވެއެވެ.
ރާއްޖޭގެ ރިޒާވް ދަށަށްދާން ފަށާފައި މިވަނީ ދުނިޔޭގެ އިގުތިސޯދަށް އައި ލޮޅުންތަކާ އެކު، ތަކެތީގެ އަގު އުފުލުމުގެ ސަބަބުންނެވެ. ރާއްޖެއަކީ އެކްސްޕޯޓަށް ބުރަވާ ގައުމަކަށްވެފައި، އެކަމުގެ ބުރަ ރާއްޖެއަށް ބޮޑުވާނެއެވެ.
ރާއްޖޭގެ ރިޒާވް ދަށްވި ނަމަވެސް މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ކުރިއަށްދާތީ، ރާއްޖޭގެ އިގުތިސޯދީ ދުވެލި ހުރީ ރަނގަޅަށެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ޖޫން މަހު ވިދާޅުވެފައިވާ ގޮތުގައި، ފަސް މަސްދުވަހުގެ އަސާސީ ތަކެތި ގަންނާނެ ފައިސާ ރާއްޖޭގެ ރިޒާވްގައި އެބަހުއްޓެވެ. ނަމަވެސް ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގުތިސާދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ބުނެފައެވެ.