ފަހަކަށް އައިސް ދުނިޔެއަށް ނުރައްކާވާ ބީދަޔަކުން ދުނިޔެއާ ކައިރިން ފެންނަ ގިނިހިލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މި ހަފުތާގެ އާދީއްތަ ދުވަހުވެސް ގާތްގަޑަކަށް ސަތޭކަ ފޫޓަށްވުރެ ބޮޑު ގިނިހިލައެއް ވަނީ ދުނިޔެއާ ވާހަކަ ގޮވާ ހިސާބު ކައިރިން ދަތުރުކޮށްފައެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްލެނެޓަރީ ޑިފެންސް ކޯޑިނޭޝަން އޮފީހުގެ ފަރާތުން ވަނީ މިއީ ނުރައްކާތެރި ގިންތީގެ ހިލައެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިހިލަ ދުނިޔެ ފަހަނަޅައި ދިޔައީ ދުނިޔެއާ ގާތްގަޑަކަށް 5.51 މިލިއަން ކިލޯމީޓަރު ދުރުންނެވެ. އެއީ ދުނިޔެއާއި ހަނދާއި ދޭތެރޭގައިވާ ދުރުމިނުގެ ނަވާރަ ގުނައެވެ.

ނާސާއިން މިހިލައަށް ދިން ނަމަކީ ކިއުޕީ3 އެވެ. މިހިލަ ދުނިޔެއާ ގާތުން ބުރެއް އަޅައިލިއިރު އޭގެ އެއްދުވަސްކުރިން ހަމަ އެ ސައިޒުގެ ހިލައެއް ވަނީ ދުނިޔެއާ 5.93 މިލިޔަން މޭލު ކައިރިން ބުރެެއް އަޅައިފައެވެ. މިއީ އަދަދުގެ ގޮތުން ދުރުކަމަށް ހީވިއަސް އިރަވީ ނިޒާމަށް ނިސްބަތްކުރާއިރު ބިރުގަންނަހައި ކައިރިއެވެ.

ގިނިހިލަޔަކީ އިރުގެ ވަށައިގެން ދައުރުކުރާ އެކި ސައިޒުގެ ހިލަތަކެވެ. އޭގެ ދަތުރުގައި ބައެއް ފަހަރު ޕްލެނެޓްތަކުގެ ދަމާބާރުގެ ސަބަބުން އޭގެ މިސްރާބަށް ބަދަލުއައިސް ޕްލެނެޓްތަކާއި މުޑިއަރާގޮތްވެއެވެ. މިގޮތުން ދުނިޔެއާ ދިމާލަށް އަންނަ ވަރަށް ގިނަ ހިލަތައް ޖުޕިޓަރާ މުޑިއަރައެވެ. ޖުޕިޓަރަކީ އިރަވީ ނިޒާމުގައިވާ އެންމެ ބޮޑު ޕްލެނެޓެވެ. އެގޮތުން ދުނިޔެއަށް ހިމާޔަތް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ޕްލެނެޓަކީވެސް ޖުޕިޓަރެވެ.