ލައިފް ސްޓައިލް

ދަރިފުޅަށް މީރު، ރީތި ކޭކެއް ހޯދަން މަންމަޔަކު ކުރި މަސައްކަތުން އުފަންވި "މައުޝްކޭކްސް"، މިއަދު ބޮޑު ނަމެއް

މަރިޔަމް ޝަފާ އިބްރާހިމް

2

ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ ފުރިހަމަ ހިތްހަމަޖެހުން ލިބޭ ވަރަށް އެމީހަކު ކުރާ މަސައްކަތެއް ނިންމުމަކީ އެދާއިރާއަކުން ތިމާ މީހާ ކުރިއަރައިދިއުމުގެ އެންމެ ބޮޑު ސިއްރެވެ. މައުޝޫގާއަކީ މި ހިތްހަމަޖެން ލިބެންދެން މަސައްކަތްކޮށް، އެތައް ބައެއްގެ ލޯތްބާއި ހެޔޮދުއާ ލިބިފައިވާ މީހެކެވެ.

"މައުޝް ކޭކްސް"ގެ އުފެއްދުމުން ގަދަ، ހަނދާނުގައި ހަރުލާވަރުގެ މީރު ރަހައާއި އެހާމެ ހިތްގައިމު ސިފަގަނޑެއް ދައްކުވައިދެއެވެ. ދިވެހިންގެ ތެރޭގައި އެންމެ ކުރިއްސުރެވެސް އުފަންދުވަހުގެ ކޭކު އެޅުމަކީ ބޮޑަށް އާއްމުކަމެކެވެ.

އައްޑޫ ސިޓީގެ ފޭދޫއަށް އުފަން އެރަށު 'އިވްނިންގ ވާދީ' އަބްދުލައަޒީޒާއި އައިމިނަތު ދިޔެގެ ދުނިޔޭގައި ތިބި ހަތަރު ކުދިންގެ ތެރެއިން ތިންވަނަ ދަރިފުޅު، މައުޝޫގާ އަބްދުލްއަޒީޒަކީ ކޭކު އެޅުމުގެ ފަންނުގައި އަރަމުން އަންނަ ތަރިއެކެވެ. އޭލެވެލުން ތައުލީމު ހާސިލުކޮށްގެން މާލޭގެ އޮފީހެއްގައި އެސިސްޓެންޓް އެކައުންޓެންޓެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ މައުޝޫގާ، އޭލެވެލަށްފަހު ރަށަށް ދިޔަނަމަވެސް، 2012 ވަނަ އަހަރު އަނބުރާ މާލެއައީ ރަށަށް ގޮސް ދިރިއުޅުމެއް ފެށުމަށްފަހުގައެވެ. މިމަސައްކަތަކީ ރަށުގައި ހުރި އިރު އޭރު ރަށުން ދަރިފުޅުގެ އުފަންދުވަހަށް ރަނގަޅު، ރީތި ކޭކެއް، އޯޑަރު ދީގެން ހިތްހަމަޖެހޭ ފެންވަރުގައި ނުލިބޭތީ އާއި ހޯދުމަށް ދަތިވާތީ ކުރަން ފެށި ކަމެކެވެ. އޭގެ ފަހުން ދާއިރާއިން ބޭސިކާއި އެޑްވާންސް އަދި ޝުގާރފްލާވަރ ކޯހެއްވެސް މައުޝޫގާ ވަނީ އެންމެ ފުރިހަމަ ކާމިޔާބަކާއެކު ނިންމާފައެވެ.

މިއަދާ ހަމައަށް އެއްވެސް ކޭކެއްގެ، އެއްވެސް މައްސަލައެއް ޖެހިގެން މައުޝޫގާއަށް ޝަކުވާއެއް ލިބިފައި ނެތުމަކީ މިދާއިރާގައި މިވީ ދުވަސްތަކުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. 2003 ވަނަ އަހަރުން ފެށިގެން 19 އަހަރުވަންދެން މައުޝޫގާ ކުރަމުން އައި މިމަސައްކަތުގައި އެންމެ ފުރިހަމައީ އެވެނި ކޭކެކޭ އެންމެ މީރީ މިވެނި ކޭކެކޭ ބުނާނީ ކިހިނެއްހެއްޔެވެ. މިވެނި ރަހައެއް މަދޭ، އެވެނި ތަންކޮޅެއް މިހެން ހުރިނަމަ މާ ރީތިވީހޭ، އަހަރެން ބުނި ގޮތަށް ހުންނާނީ މިކުލަ ޖެއްސީމައޭ، މިފަދައިން ބުނެވޭނެ ޖާގައެއްވެސް ނުދެއެވެ. އެހާވެސް ފުރިހަމައެވެ. މިއަދާ ހަމައަށް 19އަހަރުގެ ދިގު ކާމިޔާބީއެއް މައުޝޫގާއަށް ވަނީ ކޭކުއެޅުމާއި ކޭކު ފަރުމާކޮށް ޒީނަތްތެރި ކުރުމުން ލިބިފައެވެ.

މިދާއިރާއިން އެހެން ކުދިން ތަމްރީނު ކުރަން ބޭނުންވި ނަމަވެސް އާއިލާއެއް ބަލަހައްޓަމުން އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުން އެފަދަ ކަމަކަށް ވަގުތު އަދި ދެވޭން ނެތް ނަމަވެސް މައުޝޫގާގެ އެހީ ބޭނުން ވެއްޖެ ހާލަތެއްގައި ކޮންމެ މީހަކަށްވެސް އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ބުންޏެވެ. މިއީ އާއިލާއާއެކު ގޭގައި އިނދެ ކޮންމެ ޖިންސެއްގެ ކޮންމެ މީހަކަށްވެސް ކުރެވިދާނެ، ނަފާވެރި މަސައްކަތެއްކަން ފާހަގަ ކުރަމުން މައުޝޫގާ ފާހަގަ ކޮށްލި ކަމަކީ ކިތަންމެ ނަފާ ވެރިވިޔަސް ކަމަކަށް ކަމެއް ކުރުމުގެ އުސޫލު ނުގެންގުޅުން މުހިންމު ކަމެވެ. އޭގެ ބަދަލުގައި ދުވަހުގެ މަސައްކަތް ނިންމާލަން ވާނީ އެކަން އެންމެ ފުރިހަމައަށް ކުރެވުނުކަމުގެ އިހުސާސާއި އެހިތްހަމަޖެހުމާއެކުގައެވެ. މައުޝޫގާގެ ކުރިއެރުމާއި "މައުޝް ކޭކްސް"ގައި އެއްމިންގަނޑެއްގައި ހިފަހައްޓާލެވިފައި ހުންނަ މީރު ރަހައާއި އަސަރުގެ ސިއްރަކީ މިއީއެވެ.

މިފަދަ މަސައްކަތެއް ކުރުމުގައި އަނެކުންގެ ލޯތްބާއި ރުހުން ލިބިގެން ދިރިއުޅުމުގައި ކުރިއަށް ދިއުމަށް މައުޝޫގާގެ އާއިލާއާއި ފިރިމީހާގެ އިތުރުން ކުދިންވެސް އެެހާމެ އެހީތެރިއެވެ. މައުޝޫގާގެ އެންމެ ހާއްސަ ޝުކުރެއް އޮތީ މައިންބަފައިންނާއި އާއިލާގެ މީހުންގެ އިތުރުން އޭނާ ބަލައިގަތް، އޭނާގެ ރަހަތަކާއި ވައްޓަފާޅިއަށް ތަރުހީބުދޭ، ދެގޮތެއް ނުވާ ދާއިމީ ކަސްޓަމަރުންނާއި އަލަށްވެސް އޭނަގެ ކޭކަށް އެދޭ ފަރާތްތަކަށެވެ.

އާއިލާއެއް ބަލަހައްޓަމުން ކޭކު އެޅުމުގައި "ފުރިހަމަ ކޮށް މަސައްކަތް ނިންމާލުމުގެ އުފާ" ލިބިގަތުމުގެ އަޒުމުގައި މަސައްކަތް ކުރަމުން އަންނަ މައުޝޫގާއަށާއި އޭނާގެ މައުޝްކޭކްސް އަށް "ވަން"އިން އެދެނީ މީރުރަހަތަކާއި ރީތި ކޭކުތަކެއް ހިމެނޭހެން ފާގަތި، ކާމިޔާބު ދުވަސްތަކަކަށެވެ.