ދުނިޔެ

އިރާގުގެ މަސްރަހު: ސިޔާސީ މައިދާންދޫކޮށް ރޯދަހިފަން ފެށީތަ؟

އިމާދު ލަތީފު

އިރާގުގެ ޝީއީ ލީޑަރެއް ކަމަށްވާ މުގުތަދާ އައްސަދުރަކީ އެގައުމުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. ހުސްވި އަހަރު ބޭއްވުނު އާއްމު އިންތިޚާބަށްފަހު އަދިވެސް ސަރުކާރެއް އެކުލަވައިނުލެވިގެން އުޅުމުގެ މައިގަނޑު ސިއްރަކީވެސް މުގުތަދާ އައްސަދުރެވެ. އޭނާއަށް ކަމުދާ ބޮޑުވަޒީރަކު ނުފެނިގެންނެވެ. ސަރުކާރެއް އެކުލަވައިނުލެވި ސިޔާސީ ހަމަނުޖެހުންތައް އާއްމުވެފައިވަނިކޮށް މުގުތަދާ އައްސަދުރު ވަނީ މިހަފުތާގައި ކުއްލިގޮތަކަށް ސިޔާސީ މައިދާން ދޫކުރައްވައިފިކަން އިއުލާން ކުރައްވައިފައެވެ. ދެން ދުވަހަކުވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަތުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެއެވެ. މި ނިންމެވުމުގެ ސަބަބަކީ ކޮބައިކަން ހާމައެއް ނުކުރައްވަަައެވެ. އެންމެނަށްވެސް މި ނިންމެވުމުން ލިބުނީ ހައިރާން ކަމެވެ. ހަގީގަތުގައިވެސް އޭނާ ދުރަށް ވަޑައިގެންނެވީ ބާވައެވެ.

މުގުތަދާ އައްސަދުރުގެ ނިންމެވުން އައިސްފައި މިވަނީ އިރާގުގެ ސިޔާސީ މައިދާނުގައި ތިއްބެވި ކުރީގެ ޖީލުގެ އެންމެހައި ލީޑަރުން މައިދާނުން އެކަހެރިވުމަށް އޭނާ އިލްތިމާސްކުރެއްވިތާ ދެ ދުވަސްފަހުންނެވެ. ފަހަރުގައި އެހެން ލީޑަރުންނަށް ނަމޫނާ ދެއްކެވުމުގެ ގޮތުން ކުރެއްވި ކަމަކަށްވެސް ވެދާނެއެވެ. ހުސްވި އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީވެސް ސަދުރަށް ވަފާތެރި މީހުންނެވެ. އެކަމަކު އައު ބޮޑުވަޒީރަކަށް ގެންނަންވީ މީހަކާމެދު ޝީއީ އިދިކޮޅު ބްލޮކާއި ސަދުރާއި ދެމެދު އުފެދުނު އަރައިރުންތައް ދެމިގެން އައިސް ސަރުކާރެއް އެކުލަވައިލުމުގެ ކަންތަކުގައި ވަނީ މަރުތަޅު އެޅިފައެވެ. ސަދުރުގެ ގްރޫޕް ވަނީ ގޮނޑިގޮނޑިން އިސްތިއުފާވެސް ދީފައެވެ. މިހިސާބުން މުގުތަދާ އައްސަދުރު ކުއްލިއަކަށް ސިޔާސީ މައިދާން ދޫކުރެއްވުމުގެ ވަރަށް ބޮޑު ހިކުމަތެއް އޮންނާނެއެވެ.

ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވުން ނިމުނީ ކަމަށާއި ސިޔާސީ ހަރަކާތްތައް ނިމުނީ ކަމަށް މުގުތަދާ އައްސަދުރު އިއުލާން ކުރެއްވިޔަސް އޭނާގެ ސަޕޯޓަރުން ތިބީ އަދިވެސް ބަޣުދާދުގެ މަގުތަކުގައެވެ. ބަޣުދާދުގެ ގްރީން ޒޯނުގައިވާ ރިޔާސީ ގަނޑުވަރަށް ވަދެގަތް މީހުން އަދިވެސް އެސަރަހައްދުގައި އެބަތިއްބެވެ. ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް އެބަހިނގައެވެ. ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެތައް ބަޔަކު ފަނާވެއްޖެއެވެ. ޕާލަމެންޓް އިމާރާތުގެ ކައިރީގައި ސަދުރުގެ ސަޕޯޓަރުން އަދިވެސް ތިބީ ކޭމްޕު ޖަހައިގެންނެވެ. އެހެންވީމާ ސިޔާސީ ކަންކަމުން ދުރުވެވަޑައިގެންނެވީ ކަމަށް ސަދުރު އެވިދާޅުވާ ވިދާޅުވުމުގެ މާނަ ސާފެއް ނޫނެވެ. ފަހަރުގައި ސިޔާސީ ކަންކަން އޭނާ މާނަކުރައްވާ ގޮތް ތަފާތީ ކަމަށްވެސް ވެދާނެއެވެ. އެއީ ވަރަށް ގިނަ ކަންކަމުގައި އެހެން ލީޑަރުންނާ ތަފާތު ބޭފުޅެކެވެ.

ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަންނަވަނީކަން އިއުލާން ކުރެއްވުމުގެ އިތުރަށް އަދި ވަރަށް މުހިއްމު އެހެން ކަމެއްވެސް މުގުތަދާ އައްސަދުރު ވަނީ އިއުލާން ކުރައްވައިފައެވެ. އެކި ޖަމާއަތްތަކުން ހަތިޔާރު ބޭނުންކުރުމާއި ލޭއޮހޮރުވުންތައް ހުއްޓާނުލާހައި ހިނދަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވަނީކަންވެސް އޭނާ ވަނީ އިއުލާން ކުރައްވައިފައެވެ. އުމުރުފުޅުން މިހާރު 48 އަހަރުވީ ސަދުރަކީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އިރާގުގެ ސިޔާސީ އަދި އިޖުތިމާއީ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. ސައްދާމު ހުސައިންގެ ވެރިކަން ނިމި ދާޚިލީ ހަނގުރައެއްގެ ތެރެއަށް އިރާގު ގެނބިގެން ދިޔުމަށްފަހު އެންމެ ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ފެނުނީ މުގުތަދާ އައްސަދުރުގެ މަހުދީ އާރމީ ނުވަތަ މަހުދީ ލަޝްކަރެވެ. ތަންކޮޅެއް ފަހުން ސަދުރުވަނީ އެ ޖަމާއަތުގެ ނަން ސުލްހައިގެ ފައުޖު މިގޮތަށް ބަދަލު ކުރައްވައިފައެވެ.

މިހާރު މިފައުޖު ހިމެނެނީ އިރާގުގެ ރަސްމީ ސިފައިންގެ ތެރޭގައެވެ. މަހުދީ އާރމީއަކީ އީރާނާއި ގުޅުން އޮތް ޖަމާއަތަކަށްވިޔަސް ފަހަކަށް އައިސް މުގުތަދާ އައްސަދުރު ވަނީ ސިޔާސީގޮތުން އީރާނާ ފޭއަށް ޖެހިވަޑައިގެންފައެވެ. އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނާއި އެމެރިކާއިންވެސް ވަންނާތީ އެކަން ހުއްޓުވައި އިރާގުގެ ސިޔާދަތީ ހައްގުތައް ރައްކާތެރިކުރުމަށް އިސްކަން ދެއްވާ ވަތަނީ ބޭފުޅެއްގެ ގޮތުގައި މުގުތަދާ އައްސަދުރު ވަނީ އޭނާގެ ޝަޚުސިއްޔަތު ރިބްރޭންޑް ކުރައްވައިފައެވެ. ސިޔާސީގޮތުން އައްސަދުރުގެ އެންމެ ބޮޑު ހަތުރަކީ އަދި ވާދަވެރިޔަކީ ހަމަ ސަދުރު ފަދައިން ޝީއީ އިއްތިހާދެކެވެ. މި އިއްތިހާދުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އީރާނުގެ ތާއީދު ލިބިފައިވާ ޖަމާއަަތްތަކެވެ.

މުގުތަދާ އައްސަދުރަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ. އެއީ ދީނީ ލީޑަރެކެވެ. ހަނގުރާމައިގެ ކޮމާންޑަރެކެވެ. އޭނާގެ ފަގުޑިޔާއި ޖުއްބާ އެކަނި ފެނުނަސް އިރާގުގެ ގިނަބަޔަކަށް ސިހުން ލިބެއެވެ. ފަހަކަށް އައިސް މިދެންނެވި އާރާއި ބާރާއި ނުފޫޒު ބޭނުން ކުރެއްވުމުގައި އައްސަދުރު ބޮޑަށް ބައްލަވާފައިވަނީ އިރާގުގެ އެންމެ އާދައިގެ ނިކަމެތި ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޗެމްޕިއަނެއްގެ ގޮތުގައި ދެއްކެވުމަށެވެ. ނަތީޖާއެއްގެ ގޮތުން މުގުތަދާ އައްސަދުރުގެ ކޮންމެ އިޝާރާތަކަށް އިޖާބަދީ މަގުތައް ފުރާލަން ފަސްނުޖެހޭ އެތައް މިލިޔަން ބަޔަކު އިރާގުގައި އެބަތިއްބެވެ. މިކަން ހުސްވި ޖުލައި މަހުގެ ތެރޭގައި ދެފަހަރަކު ވަނީ ފެނިފައެވެ. ބަޣުދާދުގެ ގްރީން ޒޯނަށްވަދެ ޕާލަމެންޓް އިމާރާތް ދެފަހަރަކު ހިފާފައިވެއެވެ. އަދި މި އޮގަސްޓް މަހު ރިޔާސީ ގަނޑުވަރަށް ވަދެ އެތަންވެސް ހިފާފައިވެއެވެ.