ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބޯޑު އެކުލަވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑަށް ރައީސް ސޯލިހު ހަ ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.

  • މުހައްމަދު ސާމިއު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
  • ޑޮކްޓާ ހައްވާ އިނާޔާ އަބްދުއްރަޙީމް (އަލަމާގެ، ތ. ވިލުފުށި)
  • ފާތިމަތު ނަޝީދާ މުހައްމަދު (މ. މުތާފުށި ، މާލެ)
  • އަލީ އިބްރާހީމް (ފައިވްސްޓާ، ރ.ދުވާފަރު)
  • އާދަމް މާހިރު (މެޑޯޒް، ރ. އަލިފުށި)
  • މޫސާ އުމަރުމަނިކު (ޗަބޭލީގެ، ރ. ފައިނު)

ރައީސް އޮފީހުން ބުނީ، ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހު އައްޔަންކުރައްވާފައިވަނީ މުހައްމަދު ސާމިއު ކަމަށެވެ.

އުނގޫފާރު ބޯޑު އުފެއްދުވުމާ ގުޅިގެން މިއަދުން ފަށައިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލަކީ ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އުނގޫފާރަށް ކުރެއްވި ދަތުރުގައި ވަނީ އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.