ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފިއެވެ.

މޮންދު ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޕީއެސްއެމްގެ ބޯޑުން އިސްތިއުފާ ދެއްވިކަން މޮންދު ވަނީ މިއަދު "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި މޮންދު ގުޅުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން މީޑިއާ ގުރޫޕާއެވެ.

މޮންދު ސަން މީޑިއާއާ ގުޅިވަޑައިގަންނަވަން ނިންމެވި އިރު, އެ މީޑިއާގެ ދަށުން ހިންގަމުން އަންނަ ސަން ޓީވީ ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ފަހުން އަލުން އެ ޓީވީ ފަށަން ދަނީ މަސައްކަތް ކުރަމުންނެވެ.