ކ. މާފުށީ ޖަލުގައި ހަރުކަށި ފިކުރު ފަތުރަނީ ވަރަށް ރޭވުންތެރިކަމާއެކު ޖަލު ތެރޭގައި ބޮޑު ދައުލަތެއް ގާއިމުކޮށްގެން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓަކުން ހާމަވެއްޖެއެވެ.

ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރަންސީ ގުޅިގެން ކުރި މި ދިރާސާ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ގައިދީންނަށް ރަނގަޅު ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނެތުމުގެ ސަބަބުން ހަރުކަށި ފިކުރު ގަބޫލުކުރާ ގައިދީން އެމީހުންގެ ވިސްނުން އެހެން ގައިދީންނަށް ފަތުރަމުން ގެންދާ ކަމަށެވެ.

ޖަލުގައި ވަރަށް ރޭވުންތެރިކަމާއެކު ހަރުކަށި ފިކުރު ފަތުރަން ފަންޑުކުރަމުންދާ ކަމަށާއި ވަކި ދައުލަތެއް ހަދައިގެން އެމީހުންގެ އަމީރެއް ހަމަޖައްސައި، އޭނާގެ ދަށުން ޔުނިޓުތަކުގެ ވެރިންތައް ހަމަޖއްސާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ހަރުކަށި ފިކުރުގެ މީހުން، އަމިއްލައަށް ހުކުމްތައް ކަނޑައެޅުމަށް ހާއްސަ ކައުންސިލެއް ހަދާފައިވާ އިރު، އެ ފިކުރު ގަބޫލު ނުކުރާ ގައިދީން ކާފަރުންނަށް ހަދައި އަނިޔާކުރަމުންދާ ކަމަށެވެ. އަދި އެ ގައިދީން ގަބޫލުކުރާ އިސްލާމީ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެފަދަ ގައިދީން ޖަލުގައި ތިބެގެން ކުރަމުންދަނީ ސަރުކާރާ ދެކޮޅަށް ޖިހާދެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެމީހުންނާ ހިލާފުވާ މީހުންނަކީ އަސީރުން ކަމަށް ގަބޫލުކުރާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ހަރުކަށި ފިކުރަށް ތަބާވެ އެފަދަ ގައިދީންނާއި އަލަށް ގުޅޭ މީހުންނާއި އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި އެ ގައިދީން ވަގަށް ފޯނު ގެންގުޅެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބޭ ހަރުކަށި ފިކުރުގެ މީހުންނާ ފޯނުން ގުޅައި ވާހަކަ ދައްކާ ކަމަށެވެ. އަދި އެފަދަ 36 މީހަކާ އެމީހުން ގުޅުން ބާއްވާ ކަމަށްވެސް ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުންވެސް އެ ރިޕޯޓުގައި ވަނީ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރަށް ތާއިދުކުރާ ގައިދީން ދެނެގަނެ، އެ ގައިދީންގެ އެސެސްމެންޓެއް ފަށައި އަދި އެ ގައިދީން ޖަލުގެ ވަކި ޔުނިޓަކަށް ބަދަލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކަރެކްޝަންސް އިން ވަނީ މަސައްކަތް ފަށައިފައެވެ. އެއްފަހަރާ 100 ގައިދީން ބޭތިއްބޭ ގޮތަށް ހަދާފައިވާ އެ ޔުނިޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.