ބަލި ހާލަތާއި އަނބިދަރީން ދަތި ހާލުގައި އުޅޭތީ ބަންދުން ދޫކޮށްދިނުމަށް ނޫސްވެރިޔާ އަހުމަދު ރިލްވާނައި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެދިއްޖެއެވެ.
އިސޫ ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އިސޫގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.
އެ މައްސަލަ ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ވަކިން އެކަހެރި ގޮޅިއެއްގައި ބައިތިއްބާފައިވާ ކަމުގެ ޝަކުވާކޮށްފައެވެ. އެ ޝަކުވާތައް އިސޫވެސް ވަނީ ކޮށްފައެވެ.
ޝަރީއަތުން އިސޫއަށް ދިން ފުރުސަތުގައި އޭނާ ވަނީ އޭނާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދިފައެވެ. އިސޫ ވަނީ އޭނާއަކީ މައިބަދައިގެ ދެ އޮޕަރޭޝަނެއްކޮށް ދެ ބޯލްޓް ލައްވާފައިވާ މީހެއް ކަމަށާއި ނަމަވެސް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެފައެވެ.
"އަޅުގަނޑަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީވެ، އަޅުގަނޑަކީ މައިބަދައިގެ ދެ އޮޕަރޭޝަންކޮށް މައިބަަދައިގައި ދެ ބޯލްޓް އެޅިފައިވާ މީހަކަށްވާތީވެ ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކަށީގެ ޑޮކްޓަރަކަށް ދައްކަން އެދިގެން އެކަން އަދިވެސް ނުވެފައިވާތީއާވެސް އެއްކޮށް އަޅުގަނޑުގެ ތުއްތު ތިން ކުދިން ތިބެފައި އަޅުގަނޑުގެ އަންހެނުން މިހާރު އިނީ ބަލިވެ ކަމަށްވާތީ، އަންހެނުން އެކަނި މާއެކަނި ތިން ކުދިން ގޮވައިގެން ހުޅުމާލޭ ފޭސް ދޭކުން މާލޭގެ ހިރިޔާ ސްކޫލަށް ދާންޖެހޭ ދަތި ހާލަތު އަޅުގަނޑަށް ތަސައްވަރުކުރެވޭތީވެ އަޅުގަނޑުގެ ބަންދާ މެދު އަޅުގަނޑުގެ ވަކީލުން އެދިފައިވާ އެދުމަށް ބަލައިލުން އަޅުގަނޑު އެދެން،" އިސޫ ބުންޏެވެ.
މީގެ އިތުރުން އިސޫ ބުނީ، އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޮންނަން ޖެހިފައިވަނީ އެއްވެސް މީހަކާ ވާހަކަ ނުދެއްކޭ ގޮތަށް އެކަހެރިކޮށް ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުންދާ ކަމަށެވެ. އަދި އޭނާއަކީ ގަވައިދުން ފިޒިއޯތެރެޕީ ހަދަން ޖެހޭ މީހަކަށްވެފައި އެ ހިދުމަތް ނުލިބޭތީވެ، ރޭގަނޑު ނުނިދާ އުޅެން ޖެހޭ ކަމަށާއި އުނަގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތްކަމަށް އިސޫ ބުނެފައިވެއެވެ.
އިސޫގެ ވާހަކަތައް އަޑުއެހުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ މިސްބާހް ވިދާޅުވީ ބަންދު މުރާޖާއާ މެދު ގޮތެއް ނިންމާއިރު ބަލި ހާލަތާ ގުޅޭގޮތުން ރިއާޔަތް ނުކުރެވޭނެ ކަމަށާއި އެއީ ޝަރީއަތުން ގޮތް ނިންމަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެއް ފަހުގެ ތާރީހެއްގައި ބާއްވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު