ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު)ގެ ޝަރީއަތް މިއަދު ފަށަން ހަމަޖައްސައިފިއެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ.
އިސޫގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.
އަހަނދުގެ މައްޗަށްވެސް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.
އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.
ގަޓު މުއާ އަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
އެދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
މ. ޝައިނިން ސްޓާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލަ އާއި ސ. ފޭދޫ/ ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައިގައި މަރު ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގާ ގުޅިގެން ގަޓު މުއާ އާއި އިސޫ އާއި އަހަނދު ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 26 ގައެވެ. އެދުވަހު ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ، ޖިނާއީ ކުށްތައް ރާވައި ހިންގުމާއި އެ ކުށްތައް ހިންގުމަށް މަގުފަހި ކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު