ރަށްރަށުގެ ސްކޫލްތަކަށް ކޮމްޕިއުޓަރާއި ލެޕްޓޮޕް ގަތުމަށް 2019 ވަނަ އަހަރުން ފެށީގެން މިހާތަނަށް 17.5 މިލިޔަން ރުފިޔާ ހަރަދު ވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖލީހުގެ މިއަދުގެ ޖަލްސާގައި ލ.ހިތަދޫ ސްކޫލުގައި، 37 ޓީޗަރުން ބޭނުންކުރުމަށް ސްޓާފް ރޫމްގައި މިވަގުތު ހުރި ދެ ކޮމްޕިއުޓަރު ކަމަށާއި، ސްޓާފް ރޫމްގެ އޭސީ ހަލާކުވެފައި ހުންނަތާ އަހަރެއްހާދުވަސް ވެފައިވާކަމަށާއި، ސްޓާފް ރޫމަށް ކޮމްޕިއުޓަރު އިތުރު ކުރުމަށާއި، އޭސީގެ ކަންތައް ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާބެހޭގޮތުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރާ ހަވާލުއިރު ވަރަށްގިނަ ސްކޫލްތަކުގެ ކޮމްޕިއުޓަރުތައް ވަރަށް ބާވެފައިވާ ކަމަށެވެ. އަދި ސްކޫލްތަކަށް ކޮމްޕިއުޓަރު ނުދޭތާ ވަރަށްގިނަދުވަސް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ސްކޫލްތަކުގެ ކޮމްޕިއުޓަރުތައް ބަދަލުކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން، ގަނެ ސްކޫލްތަކަށް ކޮމްޕިއުޓަރު ދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 862 ކޮމްޕިއުޓަރު އަދި 420 ލެޕްޓޮޕް ގަނެ މިހާތަނަށް ސްކޫލްތަކާ ހަވާލުކޮށްފައިވާ ކަމަށާއި، 2019 ވަނަ އަހަރުން ފެށިގެންމިހާތަނަށް އެކަމަށް 17.5 މިލިޔަންރުފިޔާ ހަރަދު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އަދިވެސް މި ޕްރޮގްރާމް އޮތީ ކުރިއަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގެ އޭސީގެ ކަންތަކާއި ކޮމްޕިއުޓަރުގެ ކަންތައް މިނިސްޓްރީން ކޮށްދެނީ ސްކޫލްތަކުން އެދުމުން ކަމަށެވެ. އެގޮތުން ލ. ހިދަދޫ ސްކޫލުންވެސް އެކަންތައްތަކަށް އެދުމުން އެކަންތައް ހައްލުކޮށް، އޭސީ އާއި ކޮމްޕިއުޓަރު އެ ސްކޫލަށް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.