ޕޯސްޓުގެ ޒަރިއާއިން ރާއްޖެ އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ޕާރުސަލުތަކުގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 526 ގްރާމް ހުރި އިރު، އެތަކެތީގެ މަގުމަތީ އަގު 1,000,000.00 (އެއް މިލިއަން) ރުފިޔާއަށް އަރައެވެ.

އެ މައްސަލައިގައި ޝާމިލުވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިއީ މިއަހަރުގެ ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު މިބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ފަހަރު އަތުލައިގަތީ 585 ގްރާމްގެ މެފެޑްރޯނެވެ.