އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފު ކޮށްފައިވާ ފަންޑިން ޕްރޮގުރާމްތަކަށް ކުރިމަތިލުމުގެ ސުންގަޑި މާދަމައަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެލައިޑުގެ "ޕްރިމިއަމް ފޯ ގުޑް" އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް 2018 ވަނަ އަހަރު އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މި އޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެތެރެއިން މި މަހުގެ ކުރީކޮޅުގައި އެ ކުންފުނިން ވަނީ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑު ތައާރަފުކޮށްފައެވެ.
މި ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައު އަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް މި ފަންޑު ލިބޭނެއެވެ.
ކޮމިއުނިޓީ ފަންޑަށް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ލިބޭނެއެވެ.
މި ފަންޑަކީ އެލައިޑް ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުކުރި ދެވަނަ ފަންޑިން ޕްރޮގްރާމެވެ. މި ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުކުރި ބޮޅެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ފަންޑިންއަށް އެދުމަށް ހުރި ފުރުސަތުތަކަކީ ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށްވާނެއެވެ.
އެޑިއުކޭޝަން ފަންޑަށް، [email protected] ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމައިފައެވެ.
މި ފަންޑިން ޕްރޮގުރާމްތައް ތައާރަފުކޮށްދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، އެލައިޑް ފަންޑިން ޕްރޮގުރާމަކީ އެ ކުންފުނިން ވަރަށް އުއްމީދާއެކު ރާވަމުން އައި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮގުރާމުތަކުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފަރާތްތަކަށްވެސް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.
އެލައިޑުން ބުނީ މި ފަންޑިން ޕްރޮގްރާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަވީރު 4:00 އަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން ސުންގަޑި ހަމަވުމުގެ ކުރިން މި ފަންޑިން ޕްރޮގުރާމުތަކަށް އެދި އެކަމަށް ހާއްސަ ފޯމު ފުރުމަށް އެލައިޑުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު