ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

ފީނަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ އެރަށު އަލީ މިމްރާހު، 25 އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަން" އަށް ވިދާޅުވީ، ފީނަށް ގޮސް އުޅެނިކޮށް މިމްރާހު ގެނބިގެން އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ފުލުހުން މިއަދު ބުނީ، އުނގޫފާރުގައި ފީނަށް ގޮސް އުޅުނު މީހަކު ގެނބިފައިވާ ކަމަށް މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.