އެރިޔަދޫ އައިލެންޑް ރިސޯޓު ވިއްކާލުމަށް ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ކުރި އިއުލާނަށް އަމަލު ނުކުރުމަށް ސިވިލް ކޯޓާއި ހައިކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އެސްބީއައިގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ދިން ދެ ލޯނަކާ ގުޅިގެން ހިނގާފައިވާ މައްސަލައެކެވެ. އެ ދެ ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރުގެ ލޯނެއް، އެފަރާތަށް ދީފައިވަނީ 16 ފެބްރުއަރީ 2006 ގައެވެ. ދެވަނަ ލޯނެއްގެ ގޮތުގައި 64 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވަނީ 18 ޖޫން 2008 ގައެވެ.
މި ދެ ލޯނަށް ޔަގީންކަން ދިން ފަރާތްތަކުގެ ތެރޭގައި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ޕްލެޓިނަމް ކެޕިޓަލާއެކު އިތުރު ފަރާތްތަކެއްވެސް ހިމެނެއެވެ. އެ ދެ ލޯނު ދެއްކުމުގައި ކްރިސްޓަލް ލެގޫންގެ ފަރާތުން ޑީފޯލްޓް ވެފައިވާ ކަމަށްބުނެ އެސްބީއައިގެ ފަރާތުން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން 29 އޮކްޓޯބަރު 2015 ގައި ހުކުމް ކުރީ، އެ ހުރިހާ ފައިސާއެއް (ލޯނު އަދި އަރަމުންދާ އިންޓްރެސްޓް، ޖޫރިމަނާއާއެކު) އެ ދުވަހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު، މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު ބެންކަށް ދައްކަމުން ގޮސް ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ މުއާމަލާތުގައި ރަހުނު ކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮނޮއްޓާ ރިސޯޓު ނުހިމަނައި ދެން ރަހުނު ކޮށްފައިވާ އެރިޔަދޫ އައިލެންޑް ރިސޯޓާއި މާފުށި ޕިކްނިކް އައިލެންޑް ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ. ރަހުނު ކޮށްފައިވާ ތަންތަނުގެ ތެރެއިން ވިއްކާލާ ތަނެއްގެ ގޮތުގައި ކޮނޮއްޓާ ރިސޯޓު ހިމަނާފައި ނުވަނީ އެތަން އޭރުވެސް ވިއްކާލާފައިވާތީއެވެ.
ސިވިލް ކޯޓުން ކުރި އެ ހުކުމާ އެއްގޮތަށް، އެރިޔަދޫ ރިސޯޓު ވިއްކައިލުމަށް އެސްބީއައި އިން 11 ޖުލައި 2021 ގައި އިއުލާން ކުރިއެވެ. އެ އިއުލާނާ ގުޅިގެން އެ ރިސޯޓަކީ ހިނގަމުންދާ ރިސޯޓެއް ކަމަށާއި އެ ރިސޯޓު ވިއްކާލުމުގެ ކަންކަން ކުރަންޖެހޭނީ ހައިކޯޓުގެ ގަޒިއްޔާގައި ބުނެފައިވާ ރަހުނު ކުރެވޭ މުދާ ވިއްކުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްލެޓިނަމްއިން އެސްބީއައިގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. އެ ދައުވާއާއެކު އެސްބީއައިގެ މައްޗަށް ވަގުތީ އަމުރު ނެރެދިނުމަށްވެސް ޕްލެޓިނަމްގެ ފަރާތުން ކޯޓުގައި އެދުނެވެ.
އެއީ އެ މައްސަލައިގެ މައުލޫއުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން، ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ އެއްވެސް މުދަލެއް ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، އެރިޔަދޫ ވިއްކުމުގެ ގޮތުން ކޮށްފައިވާ އިއުލާނަށް އަމަލު ކުރުން ފަސްކުރުމަށެވެ.
ޕްލެޓިނަމްއިން އެދުނުގޮތަށް ސިވިލްކޯޓުން އެ އަމުރު ނެރެދިނެވެ. ނަމަވެސް އެސްބީއައިގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ސިވިލްކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލައިގައި ހައިކޯޓުން ހުކުމްކުރިއެވެ.
އެއަށްފަހު ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެސްބީއައިއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު