ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ކަނޑައަޅައިފިއެވެ.
އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކޯސްތަކުގެ ތެރޭގައި ޓީޗިން ހިމެނިފައިވާ އިރު، ރާއްޖޭގެ ބައެއް ކޮލެޖުތަކުން މިހާރު ވެސް ޓީޗިން ކޯސްތައް އޮންލައިންކޮށް ކުރިއަށްގެންދެއެވެ.
އެމްކިޔުއޭއިން މިދިޔަ ބުދަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "ގައިޑްލައިންސް ފޯ އީ-ލާނިން" ގައި ވަނީ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތު ހަމަވާ ކޯސްތަކާއި އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށް ބަޔާންކޮށްފައެވެ.
އެ ގައިޑްލައިންގައި އީ-ލާނިން ކަމަށް ބަޔާންކޮށްފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިންކޮށް ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.
"ގައިޑްލައިންސް ފޯ އީ-ލާނިން" ގައިވާ ގޮތުން ބުދަ ދުވަހުން ފެށިގެން މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އެ ގައިޑްލައިނާ އެއްގޮތަށެވެ. އަދި އޮންލައިންކޮށް ގެންދަން މީގެ ކުރިން ހުއްދަ ދީފައިވާ ޕްރޮގްރާމުތަކައް ވެސް ބަދަލު ގެނެސް 18 މަސް ދުވަހުގެ ތެރޭގައި ގައިޑްލައިނަށް ފައްތަން ޖެހޭނެ ކަމަށެވެ.
ގައިޑްލައިނާ ހިލާފަށް ކޯސްތައް ކުރިއަށް ގެންދާނަމަ ލިޔުމުން ނޯޓިސް ދޭނެ ކަމަށާއި އެއަށްފަހު ވެސް ގައިޑްލައިނާ ހިލާފުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމާނާކުރުމުގެ ބާރު އެމްކިޔުއޭއަށް ލިބިގެންވެއެވެ. ތިންވަނަ ފަހަރަށް ގައިޑްލައިނާ ހިލާފުވެއްޖެނަމަ އެ ކޯހަކަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް އެމްކިޔުއޭއަށް ލިބިގެންވާ ކަމަށް ގައިޑްލައިނުގައި ވަނީ ބަޔާންކޮށްފައެވެ.