އަލުން ގްރީން ޓެކްސް ނަގަން ފެށުމާއި، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ބޭނުންވާ ބިލުތައް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ، ގްރީން ޓެކްސް އަލުން ނަގަން ފެށުމަށްޓަކައި ޓޫރިޒަމާބެހޭ ގާނޫނަށާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް މަޖިލީހަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ބުނެފައިވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން މިހާރު އެ ގާނޫނުގައި އޮތް ގޮތުން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ގްރީން ޓެކްސްއެއް ނުނެގޭނެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން މިއަހަރުގެ ޖޫން މަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ 4.8 ޕަސަންޓަކީ ގްރީން ޓެކުހެވެ. އެ މުއްދަތުގައި ގްރީން ޓެކުހުން ދައުލަތަށް ވަނީ 547 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން، ގްރީން ޓެކްސްއިން ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީން 300-400 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބެލެވެއެވެ.
އެހެންކަމުން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ގްރީން ޓެކްސް ނެގޭނެ ކަމަށް މިހާރު ބުނާ ތާރީހު އުވާލާނެއެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ފޮނުވާފައިވާ ބިލަކީ، ދުނިޔޭގެ އިގުތިސާދަށް އައި ބަދަލާ ގުޅިގެން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ ބިލެކެވެ. އެ ބިލުން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް %6 އިން %8 އަށް ބޮޑުކޮށް، ޓޫރިޒަމް ދާއިރާ އިން ނަގާ ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުކުރާނެ ކަމަށް ބެލެވެއެވެ.