ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިދެއްވައިފިއެވެ.

ވޭވަށު އިންޖީނުގެ ހުޅުވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސް އަހަރަށް އެއްވެސް ދަތިކަމެއް ނެތި ކަރަންޓުގެ ހިދުމަތް އެރަށަށް ފޯރުކޮށްދެވެމުންދާނެ ކަމަށެވެ.

ވޭވަށުގައި 29 އަހަރު ކުރިން ވަންދެން ހިންގަމުން އައި އިންޖީނުގޭގެ ބަދަލުގައި ހެދި އާ އިންޖީނުގެއަކީ 208 އަކަ މީޓަރު ބޮޑު އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި ހަތަރު މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހުރެއެވެ.

ކުރިން ހިންގި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368 ކިލޯވޮޓް ނަމަވެސް އާ އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބަހައްޓައި ހިދުމަތްދެވޭނެ ގޮތަށެވެ. ނަމަވެސް އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448 ކިލޯވޮޓެވެ.