މ. ވޭވަށުން އަލީ ޔާމީން --- ވަން އޮންލައިން

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ވޭވަށުގައި ހެދި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.

މިރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މި ބަނދަރު ހުޅުވައިދެއްވައި ރައީސް ވިދާޅުވީ، މިރަށަކީ މަސްވެރި ރަށަކަށްވާއިރު ބަނދަރުގެ ސަބަބުން މިރަށުގެ އިގްތިސޯދަށް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ.

ވޭވަށު ބަނދަރު ރަށު ކައުންސިލާ ހަވާލުކޮށްދެއްވައިފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ވޭވަށު ބަނދަރު ނިންމާލައިފައިވާއިރު، މި މަޝްރޫއުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 1880 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ކޮޅުވެއްޓިވެސް ގާތްކުރެވޭ ގޮތަށް ހަދާފައިވާ މި ބަނދަރަކީ 48.8 މިލިއަން ރުފިޔާގެ ބަނދަރެވެ.