މާލޭ ސިންތެތިޓް ޓްރެކްގައި އިއްޔެ ފެށި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު ކުރިއަށް ދިޔަ ދުވުމުގެ އިވެންޓުތަކުންވެސް އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އައިޝަތު ހިމްނާ ހަސަން، އައިމިނަތު ޖައިޝާ ޖުނީޒް އަދި ހުސައިން ފަޒީލް ހާރޫން ރަން މެޑަލް ހޯދައިފިއެވެ.

މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި މިއަދުވެސް ވަނީ ޓްރެކް އިވެންޓްތަކުގެ އިތުރުން ހައި ޖަމްޕާއި ލޯންގް ޖަޕް އަދި ޑިސްކަސް އުކުމުގެ ފައިނަލްތައް ކުރިއަށް ގޮސްފައެވެ. ދުވުމުގެ އޯޕަން އިވެންޓްތަކުގައި މިއަދު އެންމެ ބޮޑަށް ފާހަގަކުރެވުނީ 200 މީޓަރު ދުވުމުގެ ފައިނަލް ހީޓުތަކާއި 1500 ދުވުމުގެ ފައިނަލް ހީޓުތަކެވެ.

މިއަދު ހަވީރު ދުވުމުގެ އޯޕަން އަންހެން އަދި ފިރިހެން ޑިވިޝަންގެ 200 މީޓަރު ފައިނަލްތައް ކުރިއަށް ގޮސްފައިވާ އިރު، 200 މީޓަރު ފިރިހެން ރޭސް ކާމިޔާބުކުރީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދެވެ. މިއަދުގެ ފައިނަލުގައި ވެސް ސާއިދާ އެންމެ ގާތުން ވާދަކުރީ އިއްޔެ 100 މީޓަރުގެ ފައިނަލުގައި ވެސް އޭނާ އާ ވާދަކުރި އިބާދުﷲ އާދަމެވެ. ސާއިދު ރަން މެޑަލް ހޯދީ 21.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިއެރުމާއެކު 21.87 ސިކުންތުން އިބާދުﷲ ދެ ވަނަ ހޯދިއިރު، ތިން ވަނަ އަށް ދިޔައީ 22.70 ސިކުންތުން ރޭސް ނިންމި އިބްރާހިމް ނާހިލް ނިޒާރެވެ.

ފަޒީލް މިއަދުގެ ރަން މެޑަލް ހޯދީ 1500 މީޓަރު ދުވުން ކާމިޔާބުކޮށްގެންނެވެ. ފަޒީލް ރަން މެޑަލް ހޯދީ ހަތަރު މިނެޓް 14.32 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރޭހުގެ ދެވަނަ އަށް ދިޔައީ ހަތަރު މިނެޓު 12.88 ސިކުންތުން ރޭސް ނިންމި ޔޫސުފް އިބްރާހިމެވެ. ތިން ވަނައަށް ދިޔައީ ހަތަރު މިނެޓު 16.54 ސިކުންތުން ރޭސް ނިންމި މުހައްމަދު ރަޝީދު (މޯޑު) އެވެ.

އަންހެން އެންމެ ފޯމުގައި ތިބި ދެ އެތުލީޓުން ކަމަށްވާ ހިމްނާ އާއި ޖައިޝާ މިއަދުވެސް ދުވެފައިވާ އިރު، ހިމްނާ ރަން މެޑަލް ހޯދީ 200 މީޓަރު ރޭހުންނެވެ. ހިމްނާ 200 މީޓަރު ދުވުމުގެ ފައިނަލް ކާމިޔާބުކުރީ 24.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ އަހުނާ ނިޒާރު ރޭސް ނިންމީ ނިންމީ 25.77 ސިކުންތުންނެވެ. ތިންވަނަ އަށް ދިޔައީ 26.51 ސިކުންތުން ރޭސް ނިންމި އައިޝަތު ލަޔާނާއެވެ.

ޖާއިޝާ އޭނާގެ ދެވަނަ ރަން މެޑަލް މިއަދު ހޯދީ 1500 މީޓަރު ދުވުން ކާމިޔާބު ކޮށްގެންނެވެ. އޭނާ ވަނީ ރޭސް ފަސް މިނެޓު 23.99 ސިކުންތުން ނިންމައިފައެވެ. މަރިޔަމް އަބްދުލް ކަރީމް (މަރީ) ދެވަނަ އަށް ދިޔައީ ފަސް މިނެޓު 28.05 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ވަނަ އަށް ދިޔައީ ފަސް މިނެޓު 32.48 ސިކުންތުން ރޭސް ނިންމި އައިޝަތު ރާނިޔާއެވެ.

މިއަދު ކުރިއަށްދިޔަ 15 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ފިރިހެން ރަން މެޑަލް ނެގީ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރެވެ. ފިރިހެން 15 އަހަރުން ދަށުގެ 1500 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދީ ދާންދޫ ސްކޫލުގެ އަބްދުﷲ އިޒާން މުހައްމަދެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ލޯންގް ޖަމްޕުން ރަން މެޑަލް ގެންދިޔައީ ދަ ބްލެކް މާލީންސްގެ ސިޒާން އަލީ ރިޒާއެވެ. އެ އުމުރުފުރާގެ ހައި ޖަމްޕް ރަން މެޑަލް ހޯދީ އިސްކަންދަރު ސްކޫލުގެ އަހުމަދު ކައިން ގަޔާސްއެވެ.

އުމުރުން 15 އަހަރުން ދަށުގެ ރިލޭ ރަން މެޑަލް އިސްކަންދަރު ސްކޫލުން ގެންދިޔަ އިރު، އެ އުމުރުފުރާގެ އަންހެން ރިލޭ ގެންދިޔައީ ހިތަދޫ ސްކޫލުންނެވެ. އޯޕަން މެންސް ޑިސްކް އުކުމުގެ ރަން މެޑަލް، ތަޖުރިބާކާރު އެތުލީޓް ހަސަން ޝަމްއޫން ގެންދިޔަ އިރު، އޭނާ ވަނީ ޝޮޓް ޕުޓް އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ.

މުބާރާތުގައި މާދަމާ އޮންނާނީ އެންމެފަހު ދުވަހުގެ އިވެންޓްތަކެވެ. އެންމެ މޮޅު އެތުލީޓް ހޮވުންވެސް މާދަމާ އޮންނާނެއެވެ. ނިންމުމުގެ ރަސްމިއްޔާތު ފެށޭނީ މާދަމާ ހަވީރު 4:45 ގައެވެ.