މާލެ އާއި ވިލިމާލެ ގުޅުވާލަން އަޅާ ބްރިޖުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލެ ފަރަށް އެރި ސެލްފު އެލިވޭޓިން ޕްލެޓްފޯމް (އެސްއީޕީ) ބުނި ތާރީހަށް ނުނެގުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފިއެވެ.
ބުރިޖުގެ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 2:45 ހާއިރުއެވެ. އެ ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. ޕްލެޓްފޯމް ފަރަށް އަރާފައިވަނިކޮށް ފެނިފައިވަނީ މެރިން ޕޮލިހަށެވެ.
އެފްކޮންސް އިން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ މޫސުން ރަނގަޅުނަމަ، ދެ ދުވަހުގެ ތެރޭގައި ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.
ނަމަވެސް އެމުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، އުރުނު ޕްލެޓްފޯމް އަދިވެސް ނަގާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރަށާއި އެފްކޮންސްއަށް އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން އެފްކޮންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ޕްލެޓްފޯމް ފުން ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ.
"ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރިނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން ފްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައި،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތަށް އެކުންފުނީގެ ޓީމް ތައްޔާރަށް އޮތް ކަމަށާއި މޫސުން ރަނގަޅުވުމުން އެމަސައްކަތް ފަށާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަރަށް ގެއްލުން ނުވާނޭ ގޮތަށް އެމަސައްކަތް ކުރުމަށް ކަމަށްވެސް އެފްކޮންސް އިން ބުންޏެވެ.
ބުރިޖުގެ ޕްލެޓްފޯމު ނެގުން ލަސްވާތީ އާއި އެކަމުގެ ސަބަބުން އެ ސަރަހައްދަށް ވަމުންދާ ގެއްލުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު