މިސްކިތްތަކުގައި ނަމާދުކުރާ އަޑު ލައުޑް ސްޕީކަރުން ބޭރަށް ނީވޭގޮތަށް ހަދަން އަންގާފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހެދުމަށް އަންގާފައިވާނީ ވަރަށް މަދު މިސްކިތަކަށް ކަމަށެވެ.

އަފްރާހް ވިދާޅުވީ މި މިސްކިތްތަކުގެ އިމާމުންނަށް މިކަން އެންގީ އެ މިސްކިތްތައް ހުންނަ ސަރަހައްދުގައި ދިރިއުޅޭ އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާތީ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތަށް ހެދުމަކީ އެއްވެސް އިރެއްގައި ގެންގުޅުނު ވިސްނުމެއް ނޫން ކަމަށެވެ.

ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބާރު ކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު ގަދަ ކަމަށެވެ. އެހެންވެ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމުގައި ފެންނާތީ، އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރަން އަންގާފައިވާނެ ކަމަށެވެ.

"މިގޮތުން ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކައް ވެފައި އެއް މިސްކިތުން އަނެއް މިސްކިތައް ނަމާދުކުރާ އަޑު ބާރަށް އިވި ނަމާދުކުރާއިރު ދަތިވާ ކަމަށް ވަނީ ފާހަގަކުރެވިފަ. އަދި ހަމައެހެންމެ، މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން، ތުއްތުކުދިން ތިބޭ ކައިރި ގޭގައިން ދަތިވާ ކަމަށް ވަނީ ފާހަގަކުރެވިފަ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، މިސްކިތްތަކުގައި ނަމާދުކުރާ އަޑުމަޑުކުރުމާ ގުޅޭ ލިޔުމެއް އެއްވެސް ފަރާތަކަށް ފޮނުވާފައިނުވާނެ ކަމަށެވެ.

ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އެންގީ ކޮންކޮން މިސްކިތްތަކަކަށް ކަމެއް ހާމަކޮށްފައެއްނުވެއެވެ. އެހެން ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި ސަލްމާން މިސްކިތުގައިވެސް ނަމާދު ކުރާއަޑު ބޭރަށް ނީވޭ ގޮތް ހެދުމަށް ވަނީ އަންގާފައެވެ.