ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން "މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ބާއްވަން އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) އިން ނިންމައިފިއެވެ.

އަސްބާގެ ފައުންޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ، އެ ވޯކްޝޮޕަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތާލުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރި ވޯކްޝޮޕެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ވޯކްޝޮޕްގައި 70-100 އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ ސެޝަންތަކުގައި މައުލޫމާތު ހިއްސާކުރައްވާނީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ވޯކްޝޮޕްގައި ދެ ސެޝަނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ސެޝަންގައި މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލް ކުރައްވާފައިވާ އާސިޔަތު ނަސޫހާއެވެ. ނަސޫހާ އަކީ ޕަބްލިކް ސެކްޓާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޯގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެކެވެ.

ދެވަނަ ސެޝަން ނަގައިދެއްވާނީ ލީޑާޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފާތިމަތު ޝިފާޒާއެވެ. ވޭތުވެދިޔަ 10 އަހަރު އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގައި ޝިފާޒާ ވަނީ މަސައްކަތް ކުރައްވައިފައެވެ.

އަސްބާއިން ބުނީ މި ވޯކްޝޮޕްގެ އިތުރަށްވެސް ކުރިޔަށް އޮތްތަނުގައި އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.