މާލޭ ސިންތެޓިކް ޓްރެކުގައި މިއަދު ފެށި މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ދުވުމުގެ އިވެންޓުތަކުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަދި ރެކޯޑު ހޯލްޑަރުން ކަމަށްވާ ހުސައިން ފަޒީލް ހާރޫން، ޖައިޝާ ޖުނީޒްވެސް ރަން މެޑަލް ހޯދައިފިއެވެ.

މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިއަދު ހެނދުނު ފަށާފައިވާ އިރު، ފީލްޑް ކުޅިވަރުތަކާއެކު ޓްރެކް އިވެންޓުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދުވުމުގެ ގިނަ ފައިނަލް އިވެންޓުތައް މިއަދު ހަވީރު ކުރިއަށް ގޮސްފައިވާ އިރު، ހެނދުނުގެ ދުވުމުގެ އިވެންޓުތަކަށް ކުރިއަށް ގެންދިޔައީ ރިލޭއާއި 15000 މީޓަރު ދުވުމުގެ ހީޓްތަކެވެ.

އަންހެން އަދި ފިރިހެން ޑިވިޝަންގެ 400 މީޓަރު ގުނަ ހަތަރެއްގެ ރިލޭ ފައިނަލުތައް ހެނދުނު ކުރިއަށް ގެންގޮސްފައިވާ އިރު، ފިރިހެން ރިލޭގެ ރަން މެޑަލް ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. އަންހެން ރިލޭ އިވެންޓުގެ ރަން މެޑަލް ހޯދީ އައިލެންޑް ރަނާސް މޯލްޑިވްސްއެވެ.

ފިރިހެން 100 މީޓަރު ދުވުމުގެ ހީޓް މެންދުރު ފަހު ބާއްވަން ފުރަތަމަ އޮތް ނަމަވެސް، ދުވުންތެރިން މަދުވުމުން ކުރިއަށް ގެންގޮސްފައިވަނީ ފައިނަލް ބުރު އެކަންޏެވެ. ފައިނަލް އިވެންޓުގައި ސާއިދު ރަން މެޑަލް ހޯދީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނައަށް ދިޔަ އިބާދުﷲ އާދަމްގެ ޓައިމިން އަކީ 10.76 ސިކުންތެވެ. އަދި ތިންވަނަ ހޯދީ އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ، އިބްރާހިމް ނާހިލް ނިޒާރެވެ. އޭނާގެ ޓައިމިން އަކީ 11.03 ސިކުންތެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގައި ދެ ހީޓެއް ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލް އިވެންޓުގައި ހިމްނާ ރަން މެޑަލް ގެންދިޔައީ ފަސޭހަ ކަމާއެކުގައެވެ. ދާދިފަހުން ބޭއްވި ކޮމަންވެލްތު ގޭމްސްއާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ހިމްނާ ތަފާތު ދައްކައި ގައުމީ 100 މީޓަރުގެ އަންހެން ރެކޯޑުވެސް މުގުރާލާފައިވާ އިރު، މިއަދުގެ ރޭސް ހިމްނާ ނިންމީ 12.25 ސިކުންތުންނެވެ. ދެވަނައަށް ދިޔަ އަހުނާ ނިޒާރުގެ ޓައިމިން އަކީ 12.57 ސިކުންތެވެ. އަދި ތިންވަނަ ހޯދި އައިޝަތު ސަބާ ސަލީމް ރޭސް ނިންމީ 13.07 ސިކުންތުންނެވެ.

ފިރިހެނުންގެ 5000 މީޓަރުގެ ދުވުމުގެ ރަން މެޑަލް ހޯދި ފަޒީލްގެ ޓައިމިން އަކީ 16 މިނެޓް 08.60 ސިކުންތެވެ. ފަސްހާސް މީޓަރު ރޭހުގެ ދެވަނައަށް ދިޔަ މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިމިން އަކީ 16 މިނެޓް 15.12 ސިކުންތެވެ. ތިން ވަނަ އަށް ދިޔަ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 16 މިނެޓް 47.26 ސިކުންތުންނެވެ.

އަންހެނުންގެ 5000 މީޓަރު ދުވުމުގެ އެއްވަނަ ހޯދި ޖާއިޝާގެ ޓައިމިން އަކީ 20 މިނެޓް 17.02 ސިކުންތެވެ. ދެވަނައަށް ދިޔަ މަރިިޔަމް އަބްދުލް ކަރީމް (މަރީ) ރޭސް ނިންމީ 20 މިނެޓް 27.09 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި އައިޝަތު ރިޝްމީގެ ޓައިމިން އަކީ 20 މިނެޓް 46.10 ސިކުންތުންނެވެ.

މިއަދު ކުރިއަށްދިޔަ އިތުރު ދުވުމުގެ އިވެންޓުތަކަށް ބަލާ އިރު، 15 އަހަރުން ދަށުގެ 100 މީޓަރު ރަން މެޑަލް ހޯދީ ހިތަދޫ ސްކޫލުގެ ފާތިމަތު ދަނާ ސާއީއެވެ. 15 އަހަރުން ދަށުގެ ފިރިހެން މެޑްލޭ ރިލޭގެ ރަން މެޑަލް އިސްކަންދަރު ސްކޫލުން ހޯދި އިރު، އަންހެން ރިލޭ ރަން މެޑަލް ހޯދީ ހިތަދޫ ސްކޫލެވެ. ފިިރިހެން 15 އަހަރުން ދަށުގެ ފިރިހެން 100 މީޓަރު ރަން މެޑަލް ހޯދީ ޔޫސުފް އަޔާން އާމިރެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ ޖެވެލިން ތުރޯ އިވެންޓުގައި ގައުމީ ޗެމްޕިއަން، ހަސަން ޝައްމޫން ފަހަތަށް ޖައްސާލުމަށް ފަހު ރަން މެޑަލް ހޯދީ ސުޒެއިނު މުހައްމަދެވެ.

ދިވެހި ސިފައިންގެ ކްލަބުގެ ތަޖުރިބާކާރު އެތުލީޓު ޝައްމޫން ދިޔައީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެވެލިން ތުރޯ އިވެންޓުގެ ތިންވަނަ އަށެވެ. ދެވަނައަށް ދިޔައީ އައިލެންޑް ރަނާސް މޯލްޑިވްސްގެ މާހިލް މުހައްމަދެވެ. ގދ. ތިނަދޫ ރައުހަތު ސްޕޯޓްސް އެކެޑަމީގެ ސުޒެއިނު އެއްވަނަ ހޯދީ 41.74 މީޓަރު ދުރަށް އެއްލައިގެން ދިހަ ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައަށް ދިޔަ މާހިލްއަށް އަށް ޕޮއިންޓް ލިބުނު އިރު، އޭނާ ވަނީ 38.84 މީޓަރު ދުރަށް އެއްލައިފައެވެ. ރާއްޖޭގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު، 2016 ވަނަ އަހަރު ހޯދި ޝައްމޫން ވަނީ 38.39 މީޓަރު ދުރަށް އެއްލައި، ހަ ޕޮއިންޓް ހޯދައިފައެވެ.

އަންހެން އޯޕަން ޖެވެލިން ތުރޯގައި ރަން މެޑަލް ހޯދީ އާނާ އިބްރާހީމެވެ. އަންހެން ޑިސްކަސް ތުރޯގެ އޯޕަން އިވެންޓުގެ ރަން މެޑަލް ހޯދީ އައިޝަތު އައިނީ މުހައްމަދެވެ. އައިނީ ވަނީ 28.93 މީޓަރު ދުރަށް ޑިސްކް އެއްލައިފައެވެ. އަންހެން 15 އަހަރުން ދަށުގެ ހައި ޖަމްޕްގައި ވާދަކުރީ ސާއިދު ސްޕޯޓްސްގެ އަދެލް ތަނަރަވްސްކާޔާ އެކަންޏެވެ.

މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އިވެންޓުތައް މާދަމާވެސް ކުރިއަށްދާނެއެވެ.