މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށްވެސް ލިބިގެންވާތީ އެކަމާ ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދާދިފަހުން ރާއްޖެއަށް ވަނީ އައިއެފްޖޭ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ވޯތިންގްޓަން ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުގައި ޖޭން ވަނީ ނޫސްވެރިންނާ ގުޅޭ ކަންކަމުގައި ކަމާ ގުޅޭ ގިނަ ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ބައިވެރިވިއެވެ.
އައިއެފްޖޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއެމްސީގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަކަށްވެސް ލިބިގެންވާތީ، މި މައްސަލައިގެ ނޭދެވޭ ނަތީޖާ ބޮޑު ކަމަށެވެ.
އެމްއެމްސީގެ އިންތިހާބުގެ ތާރީހު މި ހަފުތާގައި އިއުލާންކޮށްފައިވާ އިރު، އައިއެފްޖޭ އާއި އެމްޖޭއޭ އިން ދެކޭ ގޮތުގައި، ގަވާއިދުން މަސައްކަތް ނުކުރާ މީޑިއާތައް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދިނުމުން އެއްކިބާ ކުރަން ޖެހެއެވެ. މިގޮތަށް ބަދަލު ގެނެސްފިނަމަ، ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލު ކުރެވޭނެކަން ކަށަވަރު ވެގެންދާނެ ކަމަށްވެސް ބުންޏެވެ.
އައިއެފްޖޭ އިން އެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ހޯމް މިނިސްޓްރީން ވަނީ އެމްއެމްސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާން މިއަދު ބާތިލުކޮށްފައެވެ. އެމްއެމްސީގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެވެ. އެއީ މީޑިއާތައް ތަމްސީލުކުރާ ހަތް މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުކުރާ ހަ މެމްބަރެކެވެ.
ރާއްޖޭގެ މީޑިއާތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މިހާރަށްވުރެ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފިއެވެ.
އައިއެފްޖޭއިން ބުނީ މިމަހުގެ ތެރޭގައި ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް ކަމަށާއި ނަމަވެސް ރާއްޖޭގައި ފުރިހަމަ އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ އެހެނިހެން މައްސަލަތައްވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"ނޫސްވެރިން އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ބުނެ ނުވަތަ ދުވާލެއްގެ މައްޗަށް ވަކި އަދަދަކަށް ހަބަރު ނުއުފައްދާ ކަމަށް ބަލައި މީޑިއާ ކުންފުނިތަކުން ނޫސްވެރިންގެ މުސާރަ އުނިކުރުމުގެ ސިޔާސަތެއް ފުޅާ ދާއިރާއެއްގައި ގެންގުޅެމުންދާކަން އެނގުމުން އައިއެފްޖޭ އިން ނުހަނު ކަންބޮޑުވި. މި އުސޫލަކީ ނޫސްވެރިންގެ މަސައްކަތެރިކަމުގެ ހައްގުތަކަށް (ލޭބާ ރައިޓްސް) އަރައިގަތުން. މިއީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއް އާލާކުރުމަށް މަގުފަހިވާނެ ކަމެއް ނޫން،" އައިއެފްޖޭ އިން ބުންޏެވެ.
އައިއެފްޖޭ އިން ބުނީ، ވަޒީފާގެ އެއްބަސްވުމެއް ނެތުމާއި ނޫސްވެރިން، ހާއްސަކޮށް ފްރީލާންސް ނޫސްވެރިން އެކްރެޑިޓޭޝަން ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ސިޔާސީ ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ 'ޝެލް މީޑިއާ ކުންފުނިތަކު'ގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި އެ ތަހުގީގުގެ ހޯދުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް އެ ޖަމިއްޔާއިން ވަނީ ދިވެހި ސަރުކާރަށް ގޮވައިލައިފައެވެ.
އައިއެފްޖޭގެ ބަޔާނުގައި ބުނީ ރާއްޖޭގެ މީޑިއާގެ ދާއިރާ އަދިވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައި ކަމަށާއި އެހެންކަމުން މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރުމަށް މިހާރަށް ވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.