ތ. ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރިފަރާތް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
ވޭމަންޑޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށު އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާކަނޑައިގެން ގޮސް އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ވޭމަންޑު ކައުންސިލުގެ ރައީސް ރަޝްވާން އާދަމް "ވަން" އަށް މިއަދު ވިދާޅުވީ، ލައްގާފައިވާ ބޯޓަކީ މީގެ ކުރިން ތ. ފުނައްޑޫގައި މަސްވެރިކަމުގެ ޕްރޮޖެކްޓުތައް ހިންގި އިރު، ވޭމަންޑު ފަޅުގައި އެޅި ބޯޓެއް ކަމަށެވެ.
އެ ބޯޓު މިހާރު ލައްގާފައި އޮތް ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި އޮޑިއެއް ބަނުމުގެ މަސައްކަތްކުރާ ސަރަހައްދެއް ކަމަށެވެ. އަދި ބޯޓުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް އުނދަގޫތަކެއް ވުމުގެ އިތުރުން ތިމާވެއްޓަށާއި އަދި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ރަޝްވާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ ފޯނުން ގުޅައިގެންނާއި މީހުން ގާތު އަހައިގެންވެސް މި ބޯޓުގެ ވެރިއެއްވޭތޯ މަސައްކަތް ކުރިން. އެކަމަކު ބޯޓުގެ ވެރިއެއް ނުވި. އެހެން އަޅުގަނޑުމެން ކައުންސިލުން ނިންމީ އިއުލާނުކޮށްގެން މި ބޯޓުގެ ވެރިޔަކު ހޯދަން." އޭނާ ވިދާޅުވިއެވެ
ރަޝްވާން ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ބޯޓުގެ ވެރިފަރާތުން އެކަން ލިޔުމަކުން ކައުންސިލް އިދާރާއަށް އަންގަން އިއުލާނެއް ނެރެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ބޯޓުގެ ވެރިފަރާތެއް ނުވެއްޖެ ނަމަ، ގާނޫނާ އެއްގޮތަށް ބޯޓާމެދު އަމަލުކުރާނެ ކަމަށެވެ.
އެގޮތުން ގާނޫނު ތަންދޭ ނަމަ ކައުންސިލަށް ފައިދާވާ ގޮތަށް އެ ބޯޓު ނީލަމުގައި ވިއްކާލާނެ ކަމަށާއި ނުވިކިއްޖެ ނަމަ ބޯޓު ނައްތާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު