އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް އިއްޔެ ހުޅުމާލޭގައި ކުރަފަތަކުން ހަމަލާދިން މީހާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ސައިކަލެއްގައި މަޑުކުރައްވައިގެން އިންނަވަނިކޮށް، އަލީ ސޯލިހަށް އިންޒާރު ދިނުމަށް ފަހު ކަޓަރަކުން ހަމަލާދިނީ ރ. މަޑުއްވަރީ މީހެއް ކަމަށްވާ މުހައްމަދު ޖަމީލެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އަލީ ސޯލިހު "ވަން" އަށް ވިދާޅުވި ގޮތުގައި އޭނާއަށް ޖަމީލް ކަޓަރު އަޅަން މަސައްކަތްކުރީ ފަހަތުން ކަރުގައި ކަމަށެވެ. ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވާލުމުން ކަޓަރު އެޅުނީ ވާތް ފަރާތު އަތުގައާއި ބުރަކަށީގައި ކަމަށާއި ލިބުނު ޒަހަމްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ، ޖަމީލަކީ އެކޯޕަރޭޝަންގައި ސަޕޯޓް ސްޓާފެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށެވެ.

"އެއީ އަދި ވަޒީފާގެ ޕްރޮބޭޝަން ހަމަނުވާ މުވައްޒަފެއް. އަޅުގަނޑުމެން މިދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުން. ހަމަ އިއްޔެ މި މައުލޫމާތު ލިބުމާއެކު އޭނާ ވަނީ ސަސްޕެންޑްކޮށްފައި،" މަޝާރު ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ ޖަމީލް ވަރަށް އަވަހަށް ވަޒީފާއިން ވަކިކުރާނެ ކަމަށެވެ. އަދި ކުންފުނީގެ ސިޔާސަތު އޮންނަ ގޮތުން ފުރަތަމަ ދާން ޖެހެނީ ސަސްޕެންޝަނަކަށް ކަމަށް ވިދާޅުވިއެވެ.

"ކަމާ ބެހޭ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން،" މަޝާރު ވިދާޅުވިއެވެ.

ޖަމީލަކީ ސަލްމާން މިސްކިތުގައި ހުކުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށް އެ މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރުމުން ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެމީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ބުނެ ފުލުހުން އޭރު އޭނާ ދޫކޮށްލިއެވެ.