ޖުމްހޫރީ ޕާޓީން ބޭނުންވާ ސިޔާސީ ޕާޓީއަކާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ސިޔާސީ މައިދާނުގައި އިތުބާރެއް ނޯންނާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަޑައިގެން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫން އެހެން ލީޑަރަކާއެކު ކޯލިޝަން ހައްދަވައިފާނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ، އެކަން އެނގޭނީ ޕާޓީގެ ކައުންސިލުން ގޮތެއް ނިންމުމުން ކަމަށެވެ. ކޯލިޝަން ހަދަންވީ ފަރާތެއް ނިންމާނީ ކައުންސިލުން ކަމަށާއި އޭނާއަކީ ހަމައެކަނި ޕާޓީގެ ކައުންސިލުގެ ޗެއާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެން ސިޔާސީ ޕާޓީއަކާއެކު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތްތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ދޮރު އެއްވެސް ސިޔާސީ ޕާޓީއަކަށް ބަންދުވެފައި ނެތް ކަމަށާއި އެޕާޓީން ބޭނުންވާ ސިޔާސީ ޕާޓީއަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ނޯ ޑޯ އިސް ކްލޯސް. އެވްރީ ޑޯ އިސް އޯޕަން. ހުރިހާ ދޮރެއް ވަނީ ވަރަށް ބޮޑަށް ހުޅުވިފައި. ޕޮލިޓިކަލްގައި ނޯ އެނަމީ، ނޯ ފްރެންޑް އިނގޭތޯ. ޕޮލިޓިކްސްްގައި ނޯންނާނެ ޓްރަސްޓެއް، އޮންނާނީ އިންޓްރަސްޓް. އަޅުގަނޑުގެ އިންޓްރަސްޓް އޮތީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތްވުން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ ވެސް މަސައްކަތާއެކު ކަމަށާއި ނަމަވެސް ކޯލިޝަނުން ލިބޭނެ ކަމަށް އެއްބަސްވި ހިއްސާގެ 100 ޕަސެންޓް ނުލިބޭ ކަމަށެވެ. ނަމަވެސް ކޯލިޝަނެއް އޮތުމުން އުފާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާއެކުތޯ ނުވަތަ ވަކިންތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް މީގެ ކުރިން ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ރޭ އެޕާޓީން ބޭއްވި "ތައްޔާރު" ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު