ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް(އެމެކްސް) ޑެބިޑް ކާޑު މިހާރު ރާއްޖޭން ބޭރުގައިވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެކްސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓަކާ ލިންކު ކުރުމުން އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެ އެވެ. އެގޮތުން މި ކާޑު ބޭނުންކޮށްގެން 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭންބޭރުގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ދުވަހެއް ދުވަހަކަށް ބީއެމްއެލް އަށް އިތުރުވަމުން އަންނަ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނައިރު މިގެނެވުނު ބަދަލުންވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުން އަންނަ އިސްދައުރު ދައްކުވައިދޭ ކަމަށެވެ.
"އެމެރިކަން އެކްސްޕްރެސް އާއެކު އަޅުގަނޑުމެންގެ ދުވަސްވީ ޕާރޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓުން މެދުވެރިކޮށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." އޭނާ ވިދާޅުވި އެވެ.
އެމެކްސްގެ ފަރާތުން، އެކުންފުނީގެ ވައިސް ޕްރެސިޑެންޓް، ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތް އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލް އަކީ އެކުންފުންޏަށް މުހިންމު ޕާޓްނަރެއް ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި އެމެކްސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް މި ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އެ ކުންފުނީގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ އެމެކްސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށެވެ. އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށްވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު