ޗައިނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ކޮންމެވެސް ދުވަހަކުން ޓައިވާން ގެންނާނޭ ކަމަށް ޗައިނާއިން އަބަދުވެސް ބުނެއެވެ. ސުލްހަވެރި ގޮތުގައި އެކަން ނުކުރެވިއްޖެނަމަ ބާރުގެ ބޭނުންކޮށްގެންވެސް ކުރާނޭ ކަމަށް ބުނެއެވެ. މީގެ މާނަޔަކީ ޓައިވާނާމެދު އަމަލުކުރާނޭ ގޮތުގެ ޕްލޭންތަކެއް މިހާރުވެސް ރާވާފައި އޮތުމެވެ. ޓައިވާން ހިފުމުގެ އަސްކަރީ ޕްލޭންވެސް ހިމެނޭގޮތުންނެވެ. ޗައިނާއިން މިޒާތުގެ ޕްލޭނެއް ރޭވުމުގެ މާކުރިން މީގެ 80 އަހަރު ކުރިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޓައިވާން ހިފުމަށް އެމެރިކާއިންވެސް މިޒާތުގެ ޕްލޭނެއް ރޭވިއެވެ. އެކަމަކު ޓައިވާން އުފެދިފައިވާ ގޮތާއި އެނޫންވެސް ކަންކަމަށް ރިއާޔަތްކޮށްފައި އެ ޕްލޭނަށް އަމަލު ނުކުރަން ނިންމީއެވެ. ޓައިވާން ހިފުމަށްޓަކައި އަދާކުރަންޖެހޭ އަގު ބޮޑުކަމުންނެވެ. ނުރައްކާތެރިކަން ބޮޑުކަމުންނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޓައިވާން އޮތީ ޖަޕާނުގެ ވެރިކަމުގެ ދަށުގަައެވެ. ޖަޕާނު ސިފައިން ޕެސިފިކް ސަރަހައްދުގައި ހިންގާ ހަރަކާތްތަކުގެ މައިގަނޑު އެއް މަރުކަޒަކަށް ޓައިވާން އޮތީ ހަދައިފައެވެ. ޖަޕާނުގެ އެތައް ލައްކަ ސިފައިން ޓައިވާނުގައި ތިއްބެވެ. އެމެރިކާގެ އަސްކަރީ ޕްލޭނަރުންނަށް ވިސްނުނު ގޮތުގައި ސީދާ ޖަޕާނަށް ހަމަލާދިނުމަށާއި ޖަޕާން ބަލިކުރުމަށް އެންމެ އަވަސް މަގެއްގެ ގޮތުގައި ޓައިވާން ހިފަންޖެހެއެވެ. ޓައިވާނުގެ ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ތާއީދުވެސް ޖަޕާނުގެ ސިފައިންނަށް އޮތެވެ. އަންދާޒާ ކުރެވުނު ގޮތުން ޓައިވާން ހިފުމުގެ ހަނގުރާމަޔަށް މަދުވެގެން ފަސްލައްކަ ސިފައިން ބޭނުންވާނެއެވެ. ފަރުބަދަތަކާއި ޖަންގަލިތަކާއި މައިދާންތަކުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގާނެއެވެ. އެމެރިކާ ސިފައިންގެ ތެރެއިން މަދުވެގެން ދެލައްކަ މީހުން މަރުވާނެއެވެ.

ޓައިވާން ހިފުމުގެ އަސްކަރީ ޕްލޭނަށް އެމެރިކާއިން ދިން ނަމަކީ އޮޕަރޭޝަން ކޯޒްވޭއެވެ. މި އޮޕަރޭޝަނަށް އެންމެ ބޮޑަށް ތާއީދު ކުރެއްވި ބޭފުޅަކީ އެޑްމިރަލް އާނެސްޓް ކިންގެވެ. އޭނާއަކީ އޭރު އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮޮަޕަރޭޝަންތަކާބެހޭ އެންމެ އިސް ކޮމާންޑަރެވެ. މި އޮޕަރޭޝަނާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅަކީ ޖެނެރަލް ޑަގްލަސް މެކްއާތަރ އެވެ. އޭނާއަކީ ޕެސިފިކް ސަރަހައްދުގައި ހަނގުރާމަކުރާ އެމެރިކާގެ އެންމެހައި ލަޝްކަރުތަކުގެ ކޮމާންޑަރެވެ. ޖެނެރަލް މެކްއާތަރގެ ރައުޔުގައި ޓައިވާނަށްވުރެ ހިފާން ފަސޭހަވާނީ އަދި ހިފުމަށްފަހު އެތަނުގެ ބޭނުންވެސް އެމެރިކާއަށް އެންމެ ފުރިހަޔަށް ހިފޭނޭ ތަނަކީ ފިލިޕީންސްގެ ލޫޒޮންއެވެ. ޓައިވާން ހިފުމަށް އަދާކުރަންޖެހޭ އަގަކީ އެވަގުތު އެމެރިކާއަށް އަދާކޮށްގެން ފަރުޖެއްސޭން ނެތްވަރުގެ އަގެކެވެ.

ލޫޒޮން ހިފުމަށްފަހު ދެވަނަ ފިޔަވަހީގައި ދިމާކުރަންވާނީ ޖަޕާނުގެ އެންމެ ދެކުނުގެ ޖަޒީރާތަކުގެ ތެރެއިން އޮކިނާވާޔާއި އިވޮޖީމާޔާ ކަމަށް ޖެނެރަލް މެކްއާތަރ އަށް ފެނިވަޑައިގެންނެވިއެވެ. އެންމެފަހުން މިކަމުގައި ގޮތް ނިންމެވީ ސީދާ އެމެރިކާގެ ރައީސް ފްރޭންކްލިން ރޫޒްވެލްޓެވެ. އޭނާ ބުރަވެވަޑައިގަތީ ޖެނެރަލް މެކްއާތަރގެ ޕްލޭނަށެވެ. ޓައިވާނުގެ ބަދަލުގައި ލޫޒޮން ހިފުމުގެ ޕްލޭނަށެވެ. ރައީސް ރޫޒްވެލްޓް ވެސް ގަބޫލުކުރެއްވި ގޮތުގައި ޓައިވާނަކީ ގޮތްނޭނގޭ ދަންތުރައެކެވެ. އެ ދަންތުރައިގައި ޖެހި އެމެރިކާގެ އެތައް ލައްކަ ބަޔަކު މަރުވުމަށްވުރެ ރަނގަޅީ އެހެން ގޮތެކެވެ. ރައީސް ރޫޒްވެލްޓް އެގޮތަށް ނިންމެވުމާއެކު ޓައިވާން ހިފުމުގެ ޕްލޭން ދޫކޮށް ލޫޒޮން ހިފުމުގެ ޕްލޭން ބަލައިގަތީއެވެ. ޖަޕާން ހިފުމުގެ ލޯންޗްޕެޑަކަށް ފަހުން ބަދަލުވެގެންދިޔައީ ލޫޒޮންއެވެ.

ޓައިވާނަކީ އޭރުވެސް އަދި މިހާރުވެސް އަރަން އުނދަގޫ ތަނެކެވެ. ވަށައިގެން ކަހަލަ ގޮތަކަށް އުސް ފަރުބަދަތަކެވެ. ތަނުގައި ގާއިމްވެގެން ތިބޭ ބަޔަކަށް ދިފާއުކުރަން ނުހަނު ފަސޭހަތަނެކެވެ. މީގެ 80 އަހަރު ކުރިން ޓައިވާން ހިފަން އެމެރިކާއިން ރޭވި އިރަށްވުރެވެސް ދިފާއީގޮތުން މިހާރު ޓައިވާންއޮތީ މާފުރިހަމަޔަށް ތައްޔާރުވެގެންނެވެ. އެހެންވީމާ ޓައިވާން ހިފުމަށްޓަކައި ޗައިނާއަށް އަދާކުރަންޖެހޭ އަގު ވަރަށްވެސް މަތިވާނެއެވެ. މީހުންނާއި ތަކެތީގެ ގޮތުންނެވެ. ޓައިވާން ހިފުމަކީ ޗައިނާއަށް ކުރެވިދާނޭ ކަމެކެވެ. އެކަން ނުކުރެވޭނެއެކޭ އެކަކުވެސް ނުބުނެއެވެ. އެންމެންވެސް ބުނަނީ ޗައިނާއަށް ލިބޭ ގެއްލުންތައް ބޮޑުވާނެ ވާހަކައެވެ. އެހެންވީމާ މިއީ ނެގުން އެންމެ އެކަށޭނަ ރިސްކެއްތޯ ޗައިނާގެ އަސްކަރިއްޔާއިން އަމިއްލައަށްވެސް ސުވާލުކުރާނެއެވެ. ޖަވާބުވެސް އަމިއްލަޔަށް ލިބިގަންނާނެއެވެ.

ޓައިވާނަކީ އަގުހުރި ތަނެކެވެ. އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ބޮޑު އިގްތިސާދެއް އެބައޮތެވެ. އުފެއްދުންތެރި ތަނެކެވެ. ކުރިއަރާފައިވާ ތަނެކެވެ. މިވަގުތު އެއީ ޗައިނާއަށް ނުހަނު އަގުހުރި ތަނެކެވެ. އެކަމަކު ކުރިން ދެންނެވިހެން ބޮޑުވެގެންވާ ހަނގުރާމަޔަކަށްފަހު ޓައިވާން ހިފޭއިރު އެތަން އޮންނާނީ ސުންނާފަތިވެ ފުނޑުފުނޑުވެފައެވެ. ޓައިވާނުގެ އަގު އޮންނާނީ ބޮޑުތަނުން ވެއްޓިފައެވެ. ޗައިނާއަށް ޖެހޭނީ ސުމަކުން ފަށައިގެން ޓައިވާން އަލުން އާރާސްތުކުރާށެވެ. އެއީ އެތަކެއް ޓްރިލިޔަން ޑޮލަރުން ނޫނީ ނުކުރެވޭނޭ ކަމެކެވެ. މިއީވެސް ޓައިވާނަށް އަރައިގަތުމުގެ ކުރިން ޗައިނާއަށް ވިސްނާންޖެހިފައިއޮތް ކަމެކެވެ. މިހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު ބުރަވެވެނީ ޓައިވާނުން މިނިވަންކަން އިއުލާން ނުކުރާހާ ހިނދަކު ގަދަކަމުން ޓައިވާނަށް އަރައިގަތުމަކީ ޗައިނާއިން ކުރުން އެކަށީގެންނުވާ ކަމެއް ކަމުގައެވެ.