"ވަކިވެގެން ދިޔައީ ދެވަނައެއް ނުވާ މަންމައެއް. ދަރިންނަށްޓަކައި މުޅި ހަޔާތް ގުރުބާން ކުރި ލޯބި މީހެއް. ދަރިންނަށް ކިޔަވައިދީ މޮޅުކުރަން ފަހު ނޭވާއާއި ހަމަޔަށްވެސް މަސައްކަތްކުރި މީހެއް. ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ފޮރުވަން މަސައްކަތްކުރި. އަޅުގަނޑު ޑޮކްޓަރުކަން ކިޔަވަން ހުރީމަ އަޅުގަނޑު ކަންބޮޑުވެދާނެތީ. އެކަމަކު މިއަދު އެ ވަކިވީ ހަށިގަނޑުގެ އެއްބައި."

މިއީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ގދ. ރަތަފަންދޫ ދޭލިޔާގޭ އުމުރުން 55 އަހަރުގެ އާމިނަތު އަބްދުލްހަމީދުގެ ދޮށި ފިރިހެންދަރިފުޅު އޭނަގެ ވާހަކަ ފެށިގޮތެވެ.

އާމިނަތުގެ ދޮށީ ފިރިހެންދަރިފުޅު ސާމީ އަލީ "ވަން" އަށް ބުނީ ހާދިސާ ހިނގީ، ހެނދުނުގެ ސައި ތައްޔާރުކުރަން ބަދިގެއަށް ވަދެ އުނދުން ރޯކޮށްލުމާއެކު ހުޅުގަނޑު ފަޅައިގެންގޮސް ގައިގައި އަލިފާން ރޯވެގެން ކަމަށެވެ. ނަމަވެސް މުޅި ހަށިގަނޑު ނުފިހި ސަލާމަތްވީ މަންމަގެ ހުޝިޔާރުކަމުންނެވެ.

"ފަތިސް ނަމާދުން ފައިބައިގެން މަންމަ ބަދިގެއަށް ވަނީ ސައި ހަދަން. އެއީ ދެން ހަމަ އަބަދުގެވެސް އާދަ. ގޭސް ލީކުވެފަ ހުރި ކަން ނޭނގި އުނދުން ޖެއްސި ތަނުން ހުޅުގަނޑު ފަޅައިގެން ގޮސް މަންމަ ގައިގަ ހިފީ. އެވަގުތު ބޭރަށް ނިކުމެ އަޅައިގެން ހުރި ބުރުގާވެސް އެއްލާލި. ބުރުގާގަ ބޮޑަށް ރޯވެފަ އޮތީ." ބެލަރޫސްގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

މަންމައަށް މިހެން ދިމާވިކަން ފުރަތަމަ އެނގުނު ހިސާބުން ސާމީ މަސައްކަތް ކުރީ މަންމަ ގާތަށް ރާއްޖެ އަންނާށެވެ. އެހެން ނަމަވެސް މަންމަ ބުނަމުން ދިޔައީ ކިޔެވުން މެދުކަނޑާލާފައި އަންނަ ވަރަށް މަންމަގެ ހާލަތު ގޯސް ނޫން ކަމެވެ. އަދި މާބޮޑަށް ހާލަތު ދަށަށް ދާނަމަ އަންނަން ބުނާނެ ކަމަށް ބުންޏެވެ.

ހާދިސާ ހިނގި ދުވަހުން ފެށިގެން އިއްޔެރެއާއި ހަމަޔަށް ކޮންމެ ދުވަހަކުވެސް ސާމީ އޭނާގެ މަންމައަށް ވީޑިއޯ ކޯލް ކޮށްގެން ބަރާބަރަށް ވާހަކަދައްކައެވެ.

"ކޮންމެ ދުވަހަކުވެސް ގުޅީމަ މަންމަ ބުނާނެ ހާލު ރަނގަޅޭ. އަންނާނެ ކަމެއް ނެތޭ. ކިޔެވުން މެދުކަނޑާލާފަ އަންނަން މަންމަ އެހާ ހިތްހަމައެއް ނުޖެހެޔޭ. މިތާނގަ ހުރިހާ ކުދިން އެބަތިއްބޭ. ކިޔެވުން ކުރިއަށް ގެންދާށޭ." އޭނާ ބުންޏެވެ.

ސާމީ ބުނީ އައިޖީއެމްއެޗުގެ ސާޖިކަލް ވޯޑުގެ އެޗްޑީޔޫގައި ފަރުވާދިނުމަށްފަހު އައިސީޔޫއަށް އިއްޔެރޭގެ ވަގުތެއްގައި ބަދަލު ކުރިއިރުވެސް ބަރާބަރަށް ވާހަކަ ދައްކައި ހަދާ ކަމަށެވެ. އަދި އެހެން ދުވަހަށް ވުރެ ހާލު މާ ބޮޑަށް ރަނގަޅު ކަމަށްވެސް ބައްޕައަށް ފޯނުކޮށްފައި ބުނި ކަމަށް އޭނާ ބުންޏެވެ.

"ކުއްލިޔަކަށް އިއްޔެރޭ މެންދަމު މަންމަގެ ހާލު ދެރަވާންފެށި. އެހެން ދަށްވަމުންގޮސް ފަތިހު މަރުވީ ކަމަށް ޑޮކްޓަރުން ބުނީ. ހަށިގަނޑުގެ 43 ޕަސެންޓު ފިހުނު. ޑީޕް ބާންތަކެއް ހުރި. މަންމަގެ ވަކިވުން ގަބޫލު ކުރަން ދަތި." އަސަރާއެކު އޭނާ ބުންޏެވެ.

ސާމީއާ އެއްބަނޑު އެއްބަފާ ދެން ތިބީވެސް ފިރިހެން ދެ ކޮއްކޮ އެވެ. އޯލެވެލް ނިންމާފައި އާއިލީ ވިޔަފާރިތެރެއަށް ވަންނަން އުޅުމުން އާމިނަތު ބޭނުންވީ ހުރިހާ ދަރިން ކިޔަވަން ބޭނުންވާ ދާއިރާއަކުން ކިޔަވައި ނިންމުމަށްފަހު ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. އެހެންކަމުން ދޮށްޓަށް ހުރި ސާމީ އާއި އެންމެ ހަގަށް ހުރި ކުއްޖާ ކުރިއަށް ދާން ބޭނުންވީ ސިއްހީ ދާއިރާއިންނެވެ. އެގޮތުން ދެ މީހުންވެސް ޑޮކްޓަރުކަން ކިޔެވުމަށްފަހު އެކަކު މިހާރުވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން އަންނައިރު އަނެއްކުއްޖާ ހުރީ ސްޕްޝެލައިޒް ވުމަށް ރާއްޖެއިން ބޭރުގައެވެ. މެދަށް ހުރި ކުއްޖާއަކީ މޯލްޑިވިއަންގެ އެއާކްރާފްޓް އިންޖިނިއަރެކެވެ.

އެންމެން މާލޭގައި ދިރިއުޅުނު ނަމަވެސް އާމިނަތު އާއި ފިރިމީހާ ދިރިއުޅެމުން އަންނަނީ ރަށުގައެވެ. އާއިލީ ވިޔަފާރީގައި ދެމަފިރިން އުޅެމުން އަންނަނީ ދަރިންނަށް ކިޔަވައިދީ ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށެވެ.

އާމިނަތަށް ބޮޑުދައިތަ ކިޔާ މީހަކު "ވަން" އަށް ބުނީ ވަކިވެގެން ދިޔައީ ދެވަނަ މަންމަ ކަމަށެވެ. ދައްތަގެ ފަހުނޭވާއާއި ހަމަޔަށްވެސް ހަށިގަނޑުގައި އެޅި ވޭން ފޮރުވަން މަސައްކަތްކޮށް ހިނިތުންވުމާއެކު އެންމެނަށްވެެސް ބަލައިލާ ކަމަށް އޭނާ ބުންޏެވެ.

ހާދިސާ ހިނގީ ގޭސްފުޅި ގޮވައިގެން ނޫން ކަމަށާއި ނަމަވެސް ބެލެވެނީ ބުދަ ދުވަހުގެރޭ ދައްތަ ބަދިގޭގައި އުޅުމަށްފަހު އުނދުން ރަނގަޅަށް ނުނިއްވައި ހުރުމުގެ ސަބަބުން ގޭސް ލީކުވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.

"ގޭސްފުޅި އެއްކޮށް އޮތީ ހުސްވެފަ. ދައްތަ ބުނީ އެއްވެސް ވަރަކަށް ވަހެއްވެސް ނުދުވާ ކަމަށް. ބަދިގެއަށް ވަދެ އުނދުން ޖައްސާލިތަނުން ބޮމެއް ގޮވާހެން ގޮވިހެންނޯ ހީވީ. އެ އަޑާއެކު މުޅި ގައިގަ ރޯވީ. ދެން ބަދިގޭގަ ދޮރުވެސް ވިއްސައިގެން ދިޔައީ. ދައްތަ ދުވެފަ ނިކުތީ މަގުމައްޗަށް. ނިކުމެ ބުރުގާގަ ރޯވެފަ އޮތީމަ ބުރުގާ ބާލާފަ އެއްލާލީ. އޭރު މަގުމަތީގަ ހުރި މީހަކު އައިސް އެހީވި ދައްތައަށް." ހާދިސާ ހިނގި ގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާ ބުނީ ދައްތަ ގައިގައި ރޯވި އަލިފާންގަނޑު ނިވުނު އިރު އަތާއި ފައިގެ އިތުރުން މެޔާއި ކޮނޑުން ބައެއް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. އަދި އެތަންތަނުން ދިލަ ނަގާތީ އުޅުނު ކަމަށާއި ނަމަވެސް މަރުކަޒަށް ގެންގޮސް ބޭސް އުނގުޅުމަށްފަހު ވަގުތުން ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.

އެހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތުމުން އެ ދުވަހު މެންދުރު 12:00ހާއިރު މާލެއަށް ދައްތަ ފޮނުވާލީ ކަމަށް އޭނާ ބުންޏެވެ.

"މާލެ ގެނައި އިރުވެސް ވަރަށް ވާހަކަ ދެއްކި. ވަކި ހާއްސަ ވާހަކައެއް ނޫން. އެކަމަކު ސަލާމަތް ވާން އުޅުނު ގޮތާ ހާދިސާ ހިނގިގޮތް ކިޔައިދިން. ގަބޫލެއް ނުކުރެވޭ ދައްތަ ވަކިވެދިޔަކަންވެސް. އެއީ ހަމަ މަންމައެއް ކަހަލަ ދައްތައެއް. ވަރަށް ހިތްހެޔޮ. ވަރަށް ލޯބި މީހެއް އެއީ." ރޮމުން އޭނާ ބުންޏެވެ.