ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި، އެހެން ޕާޓީތަކުގެ ސްލޮޓުތަކުގައި ކެބިނެޓަށް ވަޑައިގެން ތިއްބެވި ވަޒީރުން އިޝްތިހާރު ނުކުރުމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވައިގެންފި އެވެ.
ނަޝީދު ނުރުހުން ފާޅުކުރެއްވީ، ހެރިޖޭޖް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ދެއްވި ޕްރެޒެންޓޭޝަން ފެއްޓެވުމުގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އަދި އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ތައުރީފްކުރެއްވުމުންނެވެ.
"ދިވެހިރާއްޖޭގެ ފަންނާއި ތަރިކައިގެ ދާއިރާ ހަވާލުކުރައްވާފައިވާ ވަޒީރު އޮނަރަބަލް ޔުމްނާ މައުމޫން، މި ކޮންގްރެސްގެ ބައިވެރިންނަށް ހެޔޮއެދުންތައް ފޮނުވައި، ކޮ ކޮންގްރެސްގެ ކާމިޔާބަށް އެދިވަޑައިގަންނަވާ ވާހަކަ ދަންނަވާފައިވާތީ އެވާހަކަ ދަންނަވަން" ތޯރިގު ވިދާޅުވިއެވެ.
ތޯރިގަށް ފަހު ޕޯޑިއަމް ކައިރިއަށް ހުއްޓި ނަޝީދު ވަނީ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރަން އެދިއްލައްވައިފައެވެ.
"މި ކޮންގްރެސްގައި ރަނގަޅީ އެހެން ޕާޓީތަކުގެ ވަޒީރުން އިޝްތިހާރު ނުކުރެއްވިއްޔާ. މިއީ އެމްޑީޕީގެ ކޮންގްރެސް، މިއީ ވާދަވެރި ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން ބޭނުމެއް ނޫން މި ތަނުގައި އެހެން ޕާޓީތަކުގެ ފަލްސަފާއެއް ވެސް، ވަޒީރުން ވެސް އަދި އެ ގޮތަށް މި ރާއްޖޭގެ ކަންތައްތައް ހިނގާކަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ކޮންގްރެސްއަށް ގާރަރެއް ނަޝީދު ހުށަހަޅުއްވާފައިވާއިރު ތޯރިގު ހިމެނޭހެން ބައެއް ކޮންގްރެސްމަނުން ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު