ގަވައިދާ ހިލާފަށް ގޮފިތައް ހަދައިގެން މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކޮންގްރެސްގެ ބައިވެރީން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސްކުރައްވަމުން ރައީސް ނަޝީދު ވަނީ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައިފައެވެ.

"މިތަނަށް (ކޮންގްރެސް ހޯލަށް) ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން ތިއްބެވިކަން ވަރަށް ގިނަ މީހުންނަށް އެނގޭ. އަޅުގަނޑު އިއްޔެވެސް އެވާހަކަ ދެންނެވިން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން ކޮންގްރެސްކުރާ މާލަމުގައި ތިއްބެވި ކޮންގްރެސްގެ ބައިވެރިން ވަނީ އަޑުގަދަކޮށް، ހިތްހަމަނުޖެހުން ފާޅުކޮށް، ނަޝީދުގެ ވާހަކަފުޅު ހުއްޓުވައިފައެވެ.

ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގޮފިތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށެވެ. އެގޮތުން ބައެއް ގޮފިތައް ރަށްރަށުގައި ހުންނައިރު ގޮފީގެ ރައީސް ހުންނަނީ މާލޭގައި ކަމަށާއި އެ ސަބަބާހުރެ ގޮފިތަކުގެ ބައިވެރިވުން އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމަށް ވިދާޅުވިއެވެ. އަދި ގޮފިތަކުގެ ރައީސުންގެ ބަދަލުގައި ކޮންމެ ރަށެއްގެ ގޮފިތަކުގެ މަންދޫބުން ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮތް ހެދުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.