ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ހޯދަން ހަވާލުކުރި މައްސަލައިގައި ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ތިން ފަހަރު ފޮނުވުމުންވެސް އަނބުރާ އެ މައްސަލަ ފޮނުވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ފައިލްކޮށްފިއެވެ.

ޕީޖީ އޮފީހަށް މީގެ ކުރިން އެ މައްސަލަ ފޮނުވުމުން އަނބުރާ އޭސީސީއަށް ފޮނުވާލާފައިވަނީ ތަހުގީގު ފުރިހަމަ ނުކުރެވި ހުރުމުންނާއި ދައުވާކުރަން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށް ބުނެއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް ތިން ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި ކަމަށެވެ. ނަމަވެސް މައްސަލަ އަނބުރާ ފޮނުވާލާ ކަމަށެވެ.

ނިޝާން ވިދާޅުވީ އަނބުރާ މައްސަލަ ފޮނުވާލުމުން އެ މައްސަލައިގައި ހިމެނޭ އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބާކީ ހިމެނޭ ހަތް މީހުންގެ ނަމެއް ހާމައެއް ނުކުރެއެވެ.

ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުން ގުޅިގެންނެވެ.

  • ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  • ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  • ޑިރެކްޓަރު ނައުޝާދު އަލީ
  • ޑިރެކްޓަރު (ފައިނޭންސް އެގްޒެކްޓިވް) އަހުމަދު އަސްލަމް
  • ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް
  • އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ
  • އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ހަފީޒް
  • ލީގަލް އޮފިސަރު އަލީ ޝިހާމް
  • އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް
  • ބިޑް ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު ޝައުފާ