ޚަބަރު

މިސްރުގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ރާއްޖެއިން ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ރިފާ ހަލީލު

މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒުން އިންތިޒާމްކޮށްގެން ބާއްވާ އިންޓަނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިން އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އިން މިދިޔާ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 އިން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ އިންޓަނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިން އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެންބަރުންގެ މައްޗަށް އެކުލެވޭ ގްރޫޕަކަށް ކަމަށެވެ. އަދި އެ ގުރޫޕުގެ މެންބަރުންނަށް ކެއުމާއި، ތިބުން އަދި އެތެރޭގެ ދަތުރު ފަތުރުގެ ހަރަދު މިސްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒުން ހަމަޖައްސާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އިންޓަނޭޝަނަލް އެއާފެއާ، އެއާ ފްރައިޓް އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހޭނީ ބައިވެރިވާ ގްރޫޕަކުން ކަމަށްވެސް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މިފެސްޓިވަލްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުމަށް ފަހު [email protected] އަށް މެއިލް ކުރުމަށްފަހު [email protected] އަށް ކޮޕީއެއް ފޮނުވުމަށް ވަނީ އެދިފައެވެ.