މުޅި އެމްޑީޕީއާ އެކީގައި ނޫން ގޮތަކަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ޕާޓީއާއެކުގައި ހުރެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެެވެ.
ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅައިލެއްވުމަށެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބަރުލަމާނީ ނިޒާމުގެ އިންތިގާލީ މަރުހަލާ ފެށިގެން ގޮސް، އެ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ގާނޫނު އިސްލާހުކުރެވިފައިވާ ގޮތަށް ބާއްވާ އިންތިހާބަކަށްވާނެއެވެ. އަދި 2024ގެ މަޖިލިސް އިންތިހާބާއެކުގައި ރާއްޖޭގައި ފުރިހަމަ ބަރުލަމާނީ ނިޒާމެއް ފެށޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ސީދާ ދެކޮޅުކަން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ނިޒާމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ކައިރީގައި އެހުމަށް ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދަވަންވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި، ކޮންގްރެސްގެ މަންދޫބުންނާ މުހާތަބުކުރައްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީ މިހާރު އޮތް ގޮތަށް އޮވެއްޖެ ނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ގިނަ ބަޔަކަށް ފެނުނު ނަމަވެސް ރާއްޖޭގެ ވެރިކަން ލިބި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
"ރަނގަޅަށް ހިސާބު ބައްލަވާ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވޯޓު ދިނީ ޖުމުލަ 233،896 މީހުން. އެމީހުންގެ ތެރެއިން 42 ޕަސަންޓް ވޯޓު ޕީޕީއެމުން ނެގި. އެއީ 98،000 އެއްހާ ވޯޓު. 233،896 އިން 98،000 އުނިކުރީމާ މުޅި ޖުމުލަ ބާކީ މިއޮތީ 135،000 ވޯޓު. އެބަ ވަރަށް ސާފުވޭ ޖުމްހޫރީ ޕާޓީން، މި ގާނޫނު އަސާސީއަށް އަމަލުކުރާން ފެށީއްސުރެ ކޮންމެ އިންތިހާބެއްގައިވެސް 12-15 ޕަސަންޓް ވޯޓު ނަގާ. އަދާލަތު ޕާޓީއާއި އަދި އެމްއާރުއެމް އެކުގައިވެސް ނުނަގާ ހަ ޕަސަންޓް. ޖުމްހޫރީ ޕާޓީގެ 12 ޕަސަންޓް އެއީ 16،000، އަދާލަތު ޕާޓީއާއި އަދި އެމްއާރުއެމް އެކުވީމާ 7،000 ވޯޓު، ހުރިހާ ކަމަކަށް ކަނޑައި ނިމުނީމާ އެމްޑީޕީއަށް ނެގެން މި އަންނަނީ 112،000 ވޯޓު. މި ޕާޓީ ބައިވެއްޖެ ނަމަ، އަޅުގަނޑުމެންނަކަށް އެ ވޯޓެއް ނުނެގޭނެ. މިއަދު މިއޮތް ގޮތަށް ކަންކަން އޮވެއްޖެ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި މި 112،000 ވޯޓުން 40 އަކަށް ޕަސަންޓް ވޯޓު އެމްޑީޕީއަށް ގެއްލި، އަޅުގަނޑުމެންނަށް 2023 ވަރަށް ބޮޑަށް އުނދަގޫވާނެ،" ނަޝީދު ވިދާޅުވިއެވެ.
ވެރިކަން ކުރުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހީފުޅުކުރެއްވީ އެމްޑީޕީގެ ގިނަ މެންބަރުންވެސް ތާއީދު ކުރައްވަނީ ބަރުލަމާނީއަށް ކަމަށެވެ. ނަމަވެސް މިހާރު އެގޮތަށް ޕާޓީގެ އެއްބަޔަކު ނުދެކޭ ކަމަށް ވިދާޅުވިއެވެ.
"މި ކޮންގްރެސްގެ ކުރިއަށް އެއީ އުކުޅަހުގައި ބޭއްވުނު ކޮންގްރެސް، އޭގައި އެނގިވަޑައިގަންނަވާނެ މެނިފެސްޓޯގައިވެސް ފާސްކުރެވުނީ 18 މަސް ދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މަސައްކަތް ކުރުމަށް. އެހެންނަމަވެސް މިވަގުތު އެގޮތަކަށެއް އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކު ނުދެކޭ،" ފެށުނީއްސުރެ ބަރުލަމާނީއަށް ތާއީދުކުރައްވާ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރުގައި ވާނީ ނިޒާމީ ވޯޓެއް ނެގުމަށް ކޮންގްރެސްއަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނޫން ކަމަށާއި ނަމަވެސް އެކަން ރައްޔިތުންގެ ކައިރީގައި އެހުމަށް ކަމަށެެވެ. އަދި ކޮންގްރެސްގައި ނިޒާމީ ވޯޓެއް ނަގައިފި ނަމަ ނަތީޖާ އަންނާނެ ގޮތް ވަރަށް ސާފު ކަމަށާއި ޕާޓީ ބައިބައިވެ، ހައިޖާނުގެ މަންޒަރު ޕާޓީގެ ތެރެއިން ފެންނަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އެހެން ޕާޓީތަށް ބައިވެގެން ދިޔައިރުގައި ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު އަޅުގަނޑުމެން ޕާޓީއަކުން ނުފެންނާނެ އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް ތަކުރާރުކޮށް ދަންނަވާނަން. މުޅި ޕާޓީއާ އެކީގައި ނޫން ގޮތަކަށް އަޅުގަނޑަކަށް 2023ގެ ރިޔާސީ އިންތިހާބަށް ތިބޭފުޅުންނާއެކު ނުނިކުމެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަށް އެކީގައި ތިބެވެން އޮތީ އެކަކު އަނެކަކުގެ ބަސް އަހައިގެން ކުރިއަށް ގޮސްގެން ކަަމަށެވެ. އޭރުން އަންނާން އޮތް އެތައް ޖީލަކަށް ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީއަށް ތިބެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު