އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:48 އެހާކަންހާއިރު ކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ މޫނު ނިވާކޮށްގެން ތިބި މީޑިއާނެޓް އޮފީހަށްވަދެއެވެ. އެމާރާމާރީގައި ހަމަލާދީފައިވަނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. މާރާމާރީގައި އޭނާގެ ބޮލަށް ވަނީ އަނިޔާ ލިބިފައެވެ.

ފުލުހުން އަންނަނީ އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.