ފޭސްބުކާއި އިންސްޓަގްރާމުން ފެނުނު ވީޑިއޯތަކެކެވެ. ފުރަތަމަވެސް އަޅައިގަތީ އެވީޑިއޯތަކުގައި ހުރި ތަކެތީގެ ކުލަތަކާއި އެތުރުންތަކެވެ. ކޮށްފައިވާ ބުރަ މަސައްކަތްތަކެވެ. ފެންނަމުންދިޔައީ ވާހަކައެއްގެ ޓްރެއިލާތަކެކެވެ. ވާހަކައެއްގެ ޓްރެއިލާއޭ ބުނީމަ ހައިރާންވެދާނެއެވެ. ހަމަގައިމުވެސް އަޅުގަނޑު ހައިރާންވިއެވެ. ވާހަކައެއް ނެރުމަށް މީހަކު ހަމަ މިވަރަށް މަސައްކަތް ކޮށްފާނެކަމަށް ލޮލަށް ނުފެނުނު ނަމަ ގަބޫލެއްވެސް ނުކުރެވޭނެވެ.
'އޯތާ މަމްދޫހު' މިއީ ވާހަކައިގެ ޓްރެއިލާތައް ޝެއާ ކުރަމުން ދިޔަ ފަރާތުގެ ނަމެވެ. ވާހަކައިގެ ނަމުންނާއި ލިޔުންތެރިޔާގެ ނަމުންވެސް ތަފާތުކަމެއް ފާހަގަ ކުރެވުނެވެ. ހަގީގަތުގައިވެސް މިއީ ވަރަށް ތަފާތު، ވަރަށްވެސް ދިވެހިވަންތަ، ތަފާތު ކަންތައްތަކެއް ހިނގާ ވާހަކައެކެވެ. ހީވި ހީވުމެއް ނޫންކަން އެނގި ޔަގީންވީ މަމްދޫހާ ބައްދަލުވެ، ހަމަ ލޮލަށް ހުރިހާ މަންޒަރެއް ފެނި، މަމްދޫހުގެ ތަޖުރިބާގެ އަޑު އިވި، އެތަޖުރިބާ ލޮލަށްވެސް ފެނުމުންނެވެ.
ލާމުއަތޮޅުގައި އޮންނަ ފެންގަނޑެއްގެ ވާހަކަ ތުންތުންމަތިން އިވިފައި އޮތަސް މަމްދޫހު ދުވަހަކުވެސް އެތަނެއް އޭނާގެ ލޮލަކުން ނުދެކެއެވެ. މުޅި ވާހަކަ އެތަނަކަށް ނިސްބަތްކޮށް، އެތަނެއްގެ މައްޗަށް އެވާހަކަ ލިޔެފައިވާ އަދި މުޅި ވާހަކައިގަވެސް އަސްލު ހަގީގަތަކަށް ވާ ހަމައެކަނި ކަމަކީ ލާމުއަތޮޅުގައި އޮންނަ އެފެންގަނޑެވެ. މަމްދޫހުގެ ވާހަކަ"ޕަރީ ފެންގަނޑު" މިއީ ލާމުއަތޮޅުގައި އޮންނަ ފެންގަނޑެއްގެ މައްޗަށް ބިނާކޮށް، އޭނާ ލިޔެފައިވާ މުޅީންވެސް އަމިއްލަ ހިޔާލާއި ފިކުރުގެ މައްޗަށް އަތުރާފައިވާ، ސައްތައިން ސައްތަ ދިވެހި އަދަބިއްޔާތާއި ސަގާފަތާއި ބަހުގެ ހަމަތަކާއިގަވާއިދުގެ އެންމެ ފުރިހަމަ ދިވެހިވަންތަ، ބިރުވެރި ވާހަކައެކެވެ. ޖާދޫގެ ކަންތައްތަކާއި ސިހުރާއި ގަނޑުވަރުތެރޭގެ ކަންތައްތަކުން ގޮސް ޕަރީއެއްގެ ޖާހާއި ގަދަރާއި އިއްޒަތުގެ އިތުރުން ޕަރީ ފެންގަނޑުގެ އެންމެ ކުދި ކުދި ތަފުސީލަށް ދާންދެން ހިމަނާފައިވާ 'ޕަރީ ފެންގަނޑު'އަކީ މަމްދޫހުގެ އަމިއްލަ ވިސްނުމާއި ހިޔާލަށް ގެނެސްފައިވާ ވަރަށްވެސް ފުރިހަމަ ދިވެހި ވާހަކައެކެވެ.
މާލެސިޓީއަށް އުފަން، ހ.ސޯސަންވިލާ، 41 އަހަރުގެ މަމްދޫހު އިބްރާހީމަކީ މީގެ ކުރިން ވާހަކަ ލިޔެ، މިފަދަ ދާއިރާތަކުގައި އެއްވެސް މަސައްކަތެއް ކުރި މީހެއްވެސް ނޫނެވެ. މީގެ ކުރިން އޭނާ އުޅުނީ މިފަދަ ދާއިރާއެއްގައެއްވެސް ނޫނެވެ. އެތައް އަހަރެއްވަންދެން ޝެފެއްގެ ގޮތުގައި މަސައްކަތް ކުރި މަމްދޫހަކީ އާއިލީ ވާރުތައިން ވިޔަސް 'ބުކް ލަވާރ' (ފޮތްތަކަށް ލޯބި ހުންނަ) މީހެކެވެ. ދުވަހަކުވެސް މިފަދަ ކަމެއް ކުރުމަކަށް މަމްދޫހުގެ ކުޑައިރުގެ ހުވަފެންތަކުގައެއްވެސް ނެތެވެ. އެހެންނަމަވެެސް އަހަރުތަކަކަށްފަހު މަމްދޫހު ވާހަކަ ލިޔުންތެރިޔަކަށް، އާދެ އޯތާ އަކަށް ވާން ބޭނުންވެ، ހިތުގައި އުފެދުނު އެއުއްމީދަށް ކުލަ ގެނައުމަށް ގަދަފަދަ ބުރަ މަސައްކަތެއްކޮށް، ކާމިޔާބާ ހަމައަށްވެސް ވާސިލުވީއެވެ. ފޮތް ކިޔުމާއި ފޮތަށް ހުންނަ ލޯތްބަކާއި ޝައުގެއްގެ ސަބަބުން ފޮތްތައް ގެންގުޅެ، ކިޔައި ހެދި ނަމަވެސް، މަދު ފަހަރަކު ގާތް އެކުވެރިޔަކަށް ދިވެހި ލިޔުމެއް ތައްޔާރުކޮށްދިންކަމުގައި ވިޔަސް މިފަދައިން މަމްދޫހު ދިގު ވާހަކައެއް ލިޔުނު މިއީ ފުރަތަމަ ފަހަރެވެ.
"މިއީ އަޅުގަނޑުގެ މަންމަގެ ވަރަށްބޮޑު އެދުމެއް، އުއްމީދެއް، އަދި ހަމައެހެންމެ މިއީ އަޅުގަނޑުގެ މަރުހޫމު ބައްޕައަށާއި ދުނިޔޭގައި އިންނެވި ލޮބުވެތި މަންމައަށް ހާއްސަކޮށްފައިވާ ފޮތެއްވެސްމެ."
މަމްދޫހުގެ އެންމެ ފުރަތަމަ ޖުމްލައިންވެސް މައިންބަފައިން ހާއްސަ ވަރާއި އެއީ އޭނާގެ މުޅި ހަޔާތުގެ އެންމެ މުހިންމު މީހުން ކަން ހާމަވެގެންދިޔައެވެ. މަމްދޫހު "ވަން"އަށް ކިޔައިދޭން ފެށީ އޭނާގެ މިދަތުރު ފެށުނު ހިސާބުންނެވެ. މަމްދޫހުގެ ވާހަކަ"ޕަރީ ފެންގަނޑު"ގެ ހަގީގަތަކީ ހަމަ އެކަނި ބަސްތަކަކުން އަތުރާލެވި، ޖުމްލަތަކަކުން ގުޅާލެވިފައިވާ ވާހަކައެއް ނޫންކަމެވެ. ދިވެހި ވާހަކަތަކުގެ ބަސްމަގު ފަހަކަށް އައިސް ބަހުގެ ގަވާއިދާއި ހަމަތަކުން ނެއްޓި، ލިޔުންތަކުގައި އެއްވެސް ރިވެތި ދިވެހިވަންތަ ގޮތެއް ނުހުންނަކަން އެންމެންވެސް ގަބޫލު ކުރެއެވެ. ބަހުގެ އެންމެ މާތް ގޮތާއި އެންމެ އާދައިގެ ގޮތް މިހާރުގެ ހެދިބޮޑުވަމުން އަންނަ ކުދިންނަށް ނޭނގުމާއި، ސުކޫލު ނިންމާފައި ވަޒީފާގެ ބާޒާރަށް ނުވަތަ ދިރިއުޅުމުގެ މައިދާނަށް ނުކުންނަ ކުދިންގެ ބަސްމަގާއި ވާހަކަދެއްކުމާއި ލިޔެކިޔުމުގައި ދިވެހިބަސް ނުހަނު ކޮށިކަންވެސް ގަބޫލު ކުރެއެވެ. މަމްދޫހުގެ ވާހަކަ "ޕަރީ ފެންގަނޑަކީ" ދިވެހި އަދަބިއްޔާތަށް ހާއްސަ ކުރެވިފައިވާ ބޮޑު ހަދިޔާއެއް ކަހަލައެވެ. އޭގައި ލިޔެފައިވަނީ ބޮޑެތި ގަނޑުވަރުތަކުގެ ރަސްރަސްކަލުންނާއި ރަނިންގެ ދިރިއުޅުމާއި ބާނދީންނާއި ހާދިމުންގެ ދައުރާއި މިހެން ގޮސް މުޅިންވެސް ގަނޑުވަރުތެރޭގެ ވާހަކަތަކެވެ. ބަސްތައް ބޭނުންކޮށްފައިވަނީ ދަރަޖަ ތަފާތުކޮށެވެ. ހުރިހާ ބަހެއްވެސް ސާފުސީދާ ދިވެހި ބަހުންނެވެ.
"މަންމައާއި ބޭބެ ބުނަމުން އައީ ފުރަތަމަ ދުވަހުގެ ފުރަތަމަ ވަގުތުން ފެށިގެންވެސް މަމްދުއަށް ވާނެއޭ މަމްދު ގައިގަ މިހުނަރުވެރިކަން، ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތައް އެންމެ ފުރިހަމައަށް އެބަހުއްޓޭ، އޭރުއްސުރެ މިއަދުގެ މިވަގުތާ ހަމައަށްވެސް ކޮންމެ ދުވަހަކުހެން ވާހަކައާ ބެހޭ ގޮތުން މަންމަ އަންނަނީ އޮޅުންފިލުވަމުން، އަދި ބޭބެ އަންނަނީ ކެނޑިނޭޅި ހިތްވަރުދެމުން. މިކަމުގައި ހަމަ ހުރިހާވެސް އެއްބާރުލުމެއް ދިނީ މަންމައާއި ބޭބެ، ދެން ހަމަ ރައްޓެހިން. އަމުދުން މިހުރިހާ މަސައްކަތެއް ނިމި ފޮތް ފެނުމުން ބޭބެ ހަމަ އާޝޯހުވެފައި ސާބަސްދިން. މަންމަ މިހާރު އިންތިޒާރު ކުރަނީ ވާހަކަ ނެރޭނެ ދުވަހަކަށް. ކޮންމެ ދުވަހަކުހެން އެސުވާލު ކުރޭ."
މީގެ ކުރިން ދުވަހަކުވެސް މީހުންގެތެރެއަށް މުނިފޫހި ފިލުވުމުގެ މިފަދަ އެއްވެސް ކަމެއްގައި ނުކުމެ، އިންސްޓަގްރާމް ފަދަ ސޯޝަލްމީޑިއާގެ ދިމާތަކުގައި ފޮޓޯއާއި ވީޑިއޯފަދަ ތަކެތި ހިއްސާކޮށްފައި ނުވާ މަމްދޫހަށް އޭނާގެ ވާހަކައަށްޓަކައި ވާންޖެހުނު 'ގުރުބާނީ'ތައް ގިނައެވެ. ލަދުރަކި، ހިތްތިރި މިޒާޖެއްގެ މަމްދޫހަށް ސޯޝަލް މީިޑިއާގައި އޭނާގެ ވާހަކަ އިޝްތިހާރު ކުރުމަށް ޕޯސްޓުތައް ޝެއާ ކުރުމަށްވެސް އެންމެބޮޑު ހިތްވަރެއް ދެނީ އޭނާގެ މަންމައާއި ބޭބެ، ހަމްދޫނު އިބްރާހީމެވެ.
"ވާހަކަ ލިޔަމުން ދިޔައިރު ތައްޔާރު ކުރެވުނު ބަގީޗާއެއް ޓްރެއިލާއިން އެފެންނަނީ. ހައްތާވެސް އަމިއްލަ މަސައްކަތް. ފުރަތަމަ ސްކެޗް ކޮށްފަ، ދެން އެހެރީ ވީޑިޔޯ ތައްޔާރުކޮށްފައި، އެވެސް މުޅީން ހަމަ އަމިއްލަ މަސައްކަތް." މަމްދޫހުގެ ވާހަކަ"ޕަރީ ފެންގަނޑު" ވުޖޫދަށް އައި ދަތުރުގެ ވާހަކަ ކިޔައިދެމުން މަމްދޫހު ބުނީ އޭނާގެ މި ވާހަކައިގެ އެއްވެސް ހިސާބެއްގައި، އެއްވެސް ތަނެއްގައި، މިވެނި އެވެނި ފޮތަކުން، ފިލްމަކުން، ޑުރާމާއަކުން ނަގާފައިވާ ތަންކޮޅެއްގެ ކޮޕީއެކޭ ބުނާނެ ޖާގައެއް ނޯންނާނެކަމަށެވެ. މިއީ ސައްތައިން ސައްތަ އަމިއްލަ ހިޔާލާއި ފިކުރުން ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައެއްކަމަށް އޭނާ ބުންޏެވެ.
ވާހަކައިގެ ބޭރުގަނޑު ފަރުމާކޮށް އަދި ނަންވެސް ފަރުމާކޮށްފައިވަނީ ހަމަ އަމިއްލައަށް ކަމަށާއި އަދި އެންމެ ހާއްސަ ކަމަކީ މިއީ މަމްދޫހުގެ އަމިއްލަ ފޮންޓަކުން ފަރުމާކޮށްފައިވާ ނަމަކަށްވާ ކަމެވެ. އަދި މިވާހަކައިގެ ނަން ފަރުމާކޮށްފައިވަނީ ސީދާ ރަނުންކަމަށްވެސް މަމްދޫހު ބުންޏެވެ.
ވާހަކައިގެ ކޮޕީ ރައިޓްސް މަމްދޫހު ވަނީ ރައްކާތެރިކަމާއެކު އަމިއްލަ ކޮށްފައެވެ. ފޮތް ޝާއިއު ކުރުމަށް ހުރިހާ ކަމެއްހެން މަމްދޫހު ވަނީ ނިންމާފައެވެ. ފޮތް ޗާޕު ކުރުމުގެ ޒިންމާވެސް އުފުލީ މަމްދޫހެވެ. ފޮތް ޗާޕް ކޮށް ދޭން ބޭނުންވެގެން ދެފަރާތަކުން މަމްދޫހާ ބައްދަލު ކުރި ކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް ފޮތުގެ ހުރިހާކަމެއްހެން މަމްދޫހު ކުރީ ހަމަ އަމިއްލައަށެވެ.
މަމްދޫހުގެ ހާއްސަ ވާހަކަ "ޕަރީ ފެންގަނޑު"ގެ ފޮތް ކައިރީގައި ހުރި ގޮނޑިމަތިން މޭޒު މައްޗަށް ނެގުމާއެކު ހުދު އަޅުގަނޑުވެސް ހައިރާން ކުރުވިއެވެ. ވާހަކަ ފޮތެއްގެ އެފެންވަރުގެ ކޮޕީއެއްވެސް އަދި އަސްލެއްވެސް މީގެ ކުރިން ފެނިފައި ނެތޭ ބުނުމަކީ ހަމަގައިމުވެސް ދޮގަކަށް ނުވާނެއެވެ. ފޮތުގެ ކަވަރުން ފޮތް ނަގައި އޭގެ ބޭރުގަނޑުގެ ކުރެހުމާއި ނަމުގެ އަސްލުކަން މަމްދޫހު ދެއްކިއެވެ. ފޮތާބެހޭ ހާއްސަ އެތައް ކަމެއްގެ ތައާރަފު މަމްދޫހު ދިޔައީ ދެމުންނެވެ. ފޮތުގެ ފުރަތަމަ ގަނޑުގައި އެފޮތް ހާއްސަ ކުރެވޭ ފަރާތްތައް ކަމަށްވާ މަމްދޫހުގެ މަންމައާއި ބައްޕައަށް ފޮތް ހާއްސަކުރި ލިޔުންކޮޅަށްފަހު އޭގެ ގަނޑުތަކުގެ ފެންވަރު ރަނގަޅުކަން ދައްކާލުމުން ގަބޫލު ކުރަން ޖެހުނީ ހަގީގަތުގައިވެސް މިވާހަކަ ފޮތް ތައްޔާރު ކުރުމަށް މަމްދޫހު އޭނާގެ ޖާނާއި މާލުން އެންމެ ފުރިހަމައަށް ދީފައިވާކަމެވެ. ފޮތާއެކު 'ބުކްމާކް'އެއް އޮތެވެ. އޭގައި ވަނީ ވާހަކައިގައި ޕަރީ ގެންގުޅޭ ޖާދޫގެ ދަނޑިކޮޅުގެ ފޮޓޯއެކެވެ. ދެން އޮތީ ވާހަކައިގެ ބަތަލާ، ޕަރީގެ ފޮޓޯލައިގެން ހަދާފައިވާ 'ލީފްލެޓް'އެކެވެ. އޭގައި ލާމު އަތޮޅުގެ ޗާޓު ކުރަހާފައިވާއިރު މަމްދޫހުގެ ހާއްސަ ލޯގޯ ހިމަނާފައިވާ ހަދިޔާއެއްވެސް އެއާއެކުގައި ލިބޭނެއެވެ. އެލޯގޯގައި ފުރިހަމަ ފަރުމާކުރުމަކުން މަމްދޫހުގެ ނަން ޖަހާފައިވާ ހިތްގައިމު ލޯގޯއެކެވެ. ދެން އޮތީ ކިޔުންތެރިޔާއަށް އޮތް ހާއްސަ މަމްދޫހުގެ އޮޓޯގްރާފެވެ. މިއިން ކޮންމެ އެއްޗެއްވެސް ތައްޔާރުކޮށްފައި ވަނީ ނުހަނު ފުރިހަމައަށެވެ. މިވެނި ތަނެއް ގޯހޭ، އެވެނި ތަނެއް ރަނގަޅުކޮށްލީމަ މާ ފުރިހަމައޭ ބުނާނެ އެއްވެސް ކަމެއް ނެތެވެ. ހަމައެހެންމެ ކޮންމެ އެއްޗަކުންވެސް މަމްދޫހު އޭނާގެ މިވާހަކައަށް ދީފައިވާ ގަދަރާއި އިންތިހާ ލޯތްބާއި އިހުތިރާމު ފާޅުވެއެވެ.
ވާހަކައިގެ ޓްރެއިލާ ތައްޔާރު ކުރުމަށް މަމްދޫހު ހާއްސަ ކުރި ޓީމަކީވެސް މިވަގުތު ރާއްޖޭގައި އެދާއިރާތަކުން އަރައިގެން އަންނަ ކުޅަދާނަ ފަންނާނުންތަކެވެ. ތިރީގައި މިހިމަނައިލަނީ މަމްދޫހުގެ ވާހަކަ "ޕަރީ ފެންގަނޑު"ގެ ޓްރެއިލާތަކުގެ މަސައްކަތް ކުރިއަށް ގެންދިޔަ ހާއްސަ ޓީމުގެ ނަންތަކެވެ.
- މޭކަޕްއާޓިސްޓް: ރުތުބާ
- ކޮސްޓިއުމް ޑިޒައިނާ: މައިޒް
- ވޯކަލްސް ރައިވަރުގެ: އަލީވަހީދު އާއި ދޮނާ(ރިއްފަތު)
- ކަވަރ އާރޓް: އިސްމާއިލް ސުޖާއު
- ބުކްލޭއައުޓް އަދި ވެބްސައިޓް ޑިޒައިން: ސޮބާ
- ފޮޓޯ، ސިނަމެޓޮގްރަފީފަދަ އެހެން: ޝުއާއު
- ޕްރޮޑިއުސަރ، ޑިރެކްޓަ، ކޮރިއޮގްރަފީ: މަމްދޫހު
- މެނޭޖަރ: ހުޝާމަތު
- ސެޓް ޑިޒައިން: ޝަރަފް އަދި ޓީމް
ކޮންމެއަކަސް ބޮޑު ހުވަފެނެއް ސީދާކޮށް އެއަށް ކުލަ ޖެއްސުމަށް މަމްދޫހު ކުރި ހިތްވަރާއި މަސައްކަތަށް ވަނީ ނިމުމެއް އައިސްފައެވެ. މިހާރު އޮތް ހަމައެންމެ ފަހުގެ ކަމަކީ ރަނގަޅު ދުވަހެއް ބަލައިފައި މިހާއްސަ ހުވަފެނުގެ ކުލަތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އާދެ، މިހާއްސަ ވާހަކަ ނެރުމެވެ. އެދުވަސްވެސް އޮތީ ވަރަށް ގާތުގައި ކަމަށް މަމްދޫހު ވަނީ ބުނެފައެވެ.
މަމްދޫހުގެ މިވާހަކައަކީ ހަމައެކަނި ހިޔާލީ ކަންތައްތަކެއް ހިމެނޭ ބިރުވެރި، 'ފެއަރީ ޓޭލް'އެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ މިވާހަކައިގެ ބަސްމަގު އަމާޒުކޮށްފައިވަނީ ދިވެހި ފުރާވަރުން ޒުވާން ވަމުންދާ ކޮންމެ ކުއްޖަކަށް އަދި އެނޫންވެސް ކޮންމެ ދިވެއްސަކަށްވެސް، ދިވެހި ބަސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށެވެ. ދިވެހި ތާރީހާއި ގަނޑުވަރުތަކުގެ ހަގީގަތެއް އެއްވެސް ވަރަކަށް ނެތަސް މިވާހަކައިގައި މަމްދޫހު ހިމަނާފައި ވަނީ އެތައްހާސް އަހަރުތަކެއް ކުރީގެ ކަންތައްތަކެއް ފެންނަ ގަނޑުވަރުތަކެކެވެ. ދިވެހިރާއްޖޭގެ އަތޮޅެއްގެ ރަށެއްގައި އޮތް ޕަރީފެންގަނޑަކަށް (ޔޯލަކޯލަކޮށް ކިޔާގޮތަށް) އަމާޒުކޮށްގެންނެވެ. މިއީ 101އެރެބިއަން ނައިޓްސް، އަލިފުލައިލާ، ސުހުރާބުއާއި ރުސްތުމް ފަދަ ވާހަކަތައްފަދަ ޝައުގުވެރި ވާހަކައެކެވެ.
އަދިވެސް ވަރަށް ހާއްސަ އެއްވާހަކަ މަމްދޫހު "ވަން"އާ ހިއްސާ ކުރިއެވެ. މިއީ މަމްދޫހުގެ ވާހަކަތަކުގެ ފެށުންކަމަށާއި މިވާހަކައިގެ ފަހަތުން އަދިވެސް އެހެން ވާހަކަތައް އަންނާނެކަމަށާއި ކޮންމެ ވާހަކައެއްވެސް ހަމަ އެހާ ހާއްސަ ވާނެކަމުގެ ހަބަރެވެ. މަމްދޫހުގެ ވާހަކައިގެ އެކި ސޮފްހާތަކުން ކޮންމެވެސް ވަރަކަށް ދެތިން ހައެއްކަ ފޮޅުވަން ކިޔާލުމަށް ލިބުނު ފުރުސަތުގައި އެނގުނީ މިވާހަކައިގެ ބަސްމޮށުންތެރިކަމުގެ ފުރިހަމަކަމާއި ލިޔުމުގެ ބަލާޣާތްތެރިކަމެވެ. މިއީ ދިވެހިވަންތަ، ދިވެހި އަދަބީ ގުލްޝަނުގައި ފަރިވާނެ މީރުވަސްދުވާ މަލެކެވެ.
މަމްދޫހުގެ ވާހަކަ "ޕަރީ ފެންގަނޑު"ގެ ވަރަށް މަދު ކޮޕީތަކެއް ހުރިއިރު، މިއީ ހަމަގައިމުވެސް ކިޔާނުލައި ދޫކޮށްލެވޭވަރުގެ ފޮތެއް ނޫނެވެ. ވާހަކަ ކިޔަން ލިބިދާނެއެވެ. އެހެންނަމަވެސް ފުރިހަމަ ދިވެހި އުފެއްދުމެއް، ދިވެހި ބަހުގެ ހަމަތަކާއި ގަވާއިދުތަކުން ގޮސް އަދަބިއްޔާތުގެ ފުރިހަމަ މިސާލެއް މިޒަމާނަކު ކިޔާކަށް ނުލިބޭނެއެވެ. އެހެންކަމުން މަމްދޫހުގެ ވާހަކަ 'ޕަރީ ފެންގަނޑު'އަކީ ކޮންމެހެން ހަދާފައިވެސް ކިޔުމުގެ އިތުރަށް އަމިއްލަ ފޮތްވަށްޓަށް ވެގެންދާނެ ބޮޑު ޒީނަތެއްވެސްމެއެވެ.
މަމްދޫހުގެ މިބުރަ އަދި ހިތްވަރާއެކު ކޮށްފައިވާ މަސައްކަތް، އޭނާގެ ވާހަކަ ކިޔުންތެރިންނާ ހަމައަށް އަންނާނެ ވަގުތަަކަށް އިންތިޒާރު ކުރާާ ފަރާތްތަކުން ކެތްތެރިކަަމާއެކު ކުޑަދުވަސްކޮޅަކަށް އަދިވެސް އިންތިޒާާރުކޮށްލަން ޖެހުނަސް ދެން މާގިނަ ދުވަހެއް ނުވެ މިވާހަކަ ބާޒާރަށް ނެރެވޭނެއެވެ. "ވަން"އިން އެދެނީ މަމްދޫހުގެ ވާހަކަ "ޕަރީ ފެންގަނޑަށް" ވަަރަށްވެސް ފާގަތި މުސްތަގުބަލަކާއި އެހާމެ ގަދަފަދަ ކާމިބީއަކަށެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް