އައްޑޫ ސިޓީގެ ހިތަދޫ ނަޝީދީގެ އަންސާރާ އަހުމަދު، (40އ)އަކީ ދެ ކިޑުނީ ފެއިލްވެ، ހަފުތާއަކު ތިން ދުވަހު ޑައެލެސިސް ހައްދަން ޖެހިފައިވާ ތިންކުދިންގެ އެކަނިވެރި މަންމައެކެވެ. ހަތަރު އަހަރު ކުރިން މިހިތާމަވެރި ހަބަރު ލިބުނީއްސުރެ، ކިޑުނީ ޓްރާންސްޕްލާންޓު ކުރެވޭތޯ އެކަނިމާއެކަނި ހިތްވަރު ކުރަމުން އަންނަ ނިކަމެތި މިއަންހެންމީހާގެ ބޮޑު އާއިލާއެއް އޮވެއެވެ. އައްޑޫގެ ގިނަ ރައްޔިތުންނަށް އެނގޭ މިއާއިލާއަކީ ފޯރުންތެރި ބައެއް ނޫނޭ ބުނެވޭކަށްވެސް ނެތެވެ. އެހެން ނަމަވެސް އާއިލާގެ މާބޮޑު އެހީތެރިކަމެއް ނެތި، ތިންކުދިން ގޮވައިގެން، އަންސާރާ ދިރިއުޅެމުން އަންނަނީ ހިތްދަތި ދިރިއުޅުމެކެވެ.
ކުޑައިރުއްސުރެ އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާވެސް ބައްދަލުކުރަމުން އައި އަންސާރާއަކީވެސް އެއް ދުވަސްވަރެއްގައި މުޅި ރަށުގެ، އަވަށުގެވެސް ރޫހެވެ. އެހެންނަމަވެސް މިއަދު ބަލިވެ، ތަންމަތިން ތެދުވެވޭ ވަރުގެ ހިތްވަރު ކަށިން ނެރެގެން ނޫނީ ހެލިފެލިވެވޭކަށް ނެތެވެ. ހަތަރު އަހަރު ކުރިން ލަންކާއިން ހެދި ބައޮޕްސީއެއްގެ ނަތީޖާއިން އަންސާރާގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނީއެވެ. ގަދަފަދަ ބޭހެއް ކެއުމުގެ ސަބަބުން އަންސާރާގެ ދެކިޑުނީވެސް ފެއިލުވެފައިވާކަމަށާއި ވީހާވެސް އަވަހަށް ޓްރާންސްޕްލާންޓް ހައްދަން އެންގިއެވެ. އެދުވަހުން ފެށިގެން އަންސާރާ އަންނަނީ އެކި ގޮތްގޮތަށް އެހީއަށް އެދި އާދޭސްކުރަމުންނެވެ. އެއްފަހަރު ނަސީބު އަތުގައި ހިފިވެސްމެއެވެ. އެންމެ ލޯލާރިއަކާ ނުލައި ހިލޭސާބަހަށް އަންސާރާއަށް ކިޑުނީއެއް ލިބުނެވެ. އެހެންނަމަވެސް ރާއްޖެއިން ފުރައިގެން ބޭރަށް ދެވޭނެ އެއްވެސް މަގެއް ފަހިވެފައި ނެތުމުން އެނަސީބު ބީވެގެން ދިޔައީ ހިތްދަތިގޮތަކަށެވެ. އަދި މިއަދު ވަށައިގެން އެއްވެސް އެހީތެރިޔަކު ނެތި އަންސާރާ އެއަންނަނީ އޭނާއަށް ކިޑުނީއެއް ލިބޭތޯ އާދޭސް ކުރަމުންނެވެ. އާއިލާގެ މީހަކު ކިޑުނީއެއް ހަދިޔާ ކުރިނަމަ ނުހަނު ފަސޭހައިން މިކަން ކުރެވުނީސްކަމަށް އަންސާރާ ގަބޫލު ކުރެއެވެ. ގާތްމީހެއްނަމަ ކުޑަ އަގެއްގައި މިކަން ކުރެވޭނެތީއެވެ. އެހެންނަމަވެސް މިވަރުގެ ނަސީބެއް އޭނާއަކަށް ލިބިފައެއް ނުވެއެވެ.
ތިންފަހަރު މަތިން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް އަންސާރާ ދިޔައީ އަމިއްލަ ހަރަދުގައެވެ. އެގޮތްމިގޮތުން ލިބުނު ދީލަތި އެހީތަކަށް އަންސާރާ ފަށްފަށުން ޝުކުރުވެރިވެއެވެ. 2019ގައި އާސަންދަ ލިބިގެން އަދި އެންސްޕާގެ އެހީގައި އަންސާރާ އެއްފަހަރު ބޭސްފަރުވާއަށް ބޭރަށް ދިޔައެވެ. އެހެންނަމަވެސް މިހާރު އޭނާއަށް ބޭނުންވަނީ ކިޑުނީ ޓްރާންސްޕްލާންޓް ހެދޭނެ ގޮތްވުމަށް، ކިޑުނީއެއް ލިބުމެވެ. އަމިއްލަ ހަރަދުގައި ކިޑުނީއެއް ގަންނާނެ ފެންވަރެއް އަދި އޭނަގެ ކިބައިގައި ނެތްނަމަވެސް އެވަރުވޭތޯވެސް އޭނާ އަންނަނީ ހިތްވަރު ކުރަމުންނެވެ.
އަންސާރާ 'ވަން'އަށް އޭނާގެ ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރަމުން އަންނަ ހިތްދަތި ގޮތުގެ ވާހަކަ ކިޔައިދެމުން ދިޔައިރު އެތައް ފަހަރަކު ރޮވޭގޮތްވެ ވާހަކަ ހުއްޓާލަން ޖެހުނެވެ. ކިތަންމެ ވޭނީ ހަޔާތެއް ވޭތުކުރަމުން ދިޔަނަމަވެސް ބަރާބަރަށް ކުދިން ސުކޫލަށާއި ޓިއުޝަނަށް ގެންގޮސް ގެނެސް ހެދުމުގައި އަންސާރާ ފަހަރެއްގައިވެސް ފަރުވާކުޑައެއް ނުކުރެއެވެ. ވީވަރަކުން އެކުދިންނަށް ކަންތައް ފުރިހަމަކޮށްދޭން މަސައްކަތް ކުރަމުން އަންނައިރު، އަންސާރާގެ އެންމެ ބޮޑު ހިތާމައަކީ ކުދިންނާއެކު ހަމަޖެހިގެން އުޅެވޭނެ ދުވަހެއް ނުފެނި، ކުދިންގެ އެންމެ އުފާވެރި، ހާއްސަ ދުވަސްތައް ލޮލުން ނުފެނިދާނެތީއެވެ. ދޮށްޓަށް ހުރި ދަރިފުޅު މިހާރު ބޮޑުވެފައި ހުރިއިރު އަންސާރާއަށް ކިރިޔާވެސް އަޅައިލުމެއް ލިބެނީ އެދަރިފުޅުގެ ފަރާތުންނެވެ.
ޑައެލެސިސް ހަދައިގެން އަންނަ ކޮންމެ ދުވަހަކީ އަންސާރާއަށް އެތަކެއް ވޭނެއް ތަހައްމަލު ކުރަން ޖެހޭ ދުވަހެކެވެ. ގައިގައި އަޅާ ވޭން ކިޔައިދޭނެ އިބާރާތެއް ނޭނގޭކަމަށް ބުނިއިރު އަންސާރާގެ އަޑުން އޭނަގެ ކެކުޅުން ހާމަވެއެވެ. އޭނާ އެހުރީ ކިޑުނީއެއް ލިބުނުހާ އަވަހަށް ފުރައިގެން ދާން ތައްޔާރަށެވެ. އެތައް ލައްކަ ރުފިޔާއެއް ދީފައި ކިޑުނީއެއް ގަންނާނެ ފެންވަރެއް އަދިވެސް އޭނާގެ ގަޔަކު ނެތެވެ.
"ހަތަރު ފަސް ލައްކަ ރުފިޔާއަކީ ކުުޑަ އަދަދެއް ނޫން އެހެންނޫންތޯ؟ އެކަމަކު އަޅުގަނޑު މިހިތްވަރު ކުރަނީ އެވަރަށްވެސް ލާރިކޮޅުކޮޅުން އެއްކުރެވޭތޯ. ހަމައެކަނި އެވަރު ހަމަވިޔަސް އަދި ނުނިމޭނެ. އާސަންދަ ދޭނީ ހަމައެކަނި ޓިކެޓާއި ޓްރާންސްޕްލާންޓްގެ ހަރަދު. ހުރުމާއި ކެއުންފަދަ ކަންތައް ނޫނީ އެހީތެރިއެއްގެ ހަރަދުވެސް އޮންނާނެ."
އަންސާރާގެ އަޑުގައި ހަގީގަތުގައިވެސް ހުރީ ހަދާނެ ގޮތް ހުސްވެފައިވާ ކަމުގެ އިހުސާސެކެވެ. އެތައް އުއްމީދުތަކަކާއެކު ނުހަނު އުފަލުގައި އުޅެމުން އައި އަންސާރާގެ މުޅި ހަޔާތް އޮތީ ބަނަވެފައެވެ. އޭނާއަށް ބޭނުންވަނީ ދީލަތި އޯގާތެރި އެހީތެރިކަމެވެ. އުމުރުގައި ތަން އޮތްނަމަ ކިޑުނީ ޓްރާންސްޕްލާންޓް ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި މެދުނުކެނޑި ދުއާ ކުރުމުގައި އަންސާރާ އަންނަނީ ރޭދުވާ ވޭނާއިތަދުގެ ތެރޭގައި ހޭދަކުރަމުންނެވެ. ކޮންމެ ނޭވާއަކާއެކު އޭނާ އާއުއްމީދެއް ކުރެއެވެ. އޮއްސޭ ކޮންމެ އިރަކާއެކު މާދަމާ ފެނޭތޯ ދުއާކުރާ ހާލު އަވަސް ޝިފާއެއް، އަވަސް އެހީއެއް ލިބޭތޯ އެތައް އާދޭހެއް ސޯޝަލްމީޑިއާގައި ކުރެއެވެ. ކޮންމެ ދުވަހަކުވެސް އުފާވެރި ހަބަރަކަށް އިންތިޒާރު ކުރެއެވެ. މިއީ ތިންކުދިންގެ މަންމައެއްގެ އާދޭސްތަކެވެ. ދުނިޔޭގެ ދިރިއުޅުން ޑައެލެސިސްފަދަ ފަރުވާއަކަށް ބަރޯސާވެގެން އުޅޭން ޖެހިފައިވާ ދިވެހި އަންހެނެއްގެ ވޭނީ އިލްތިމާސްތަކެކެވެ.
- އެހީތެރިކަން ފޯރުކޮށްދެއްވުމަށް
- MVR 7708505270101
- އިތުރު މައުލޫމާތު ހޯއްދެވުމަށް 7203911 އަށް ގުޅުއްވާ!
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު