ރިޕޯޓް

"ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމް" ހުންގާނާ ނުލައި އުޅަނދު އޮޕަރޭޓް ކޮށްލެވޭ އީޖާދީ އުފެއްދުމެއް

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް މެރިން އެކްސްޕޯގައި ކޮންމެ އަހަރަކުވެސް ތަފާތު އާ މެރިން ޕްރޮޑަކްޓްތައް ދައްކާލައެވެ. ނިމިގެންދިޔަ މެރިން އެކްސްޕޯ 2022 ގައި ވެސް ތަފާތު ޕްރޮޑަކްޓްތައް ފެނިގެން ދިޔައިރު އެންމެ ތަފާތު އެއް ޕްރޮޑަކްޓަކަށް ފެނިގެންދިޔައީ ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމެވެ. އެ ސިސްޓަމުގައި ބުރަފަތި ހަރުކޮށްފައި ހުންނަ ގޮތެވެ. އެ ސިސްޓަމް ބޭނުންކުރުން ގޭމެއް ކުޅެލުންހާ ފަސޭހަ ވުމެވެ.

ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމަމަކީ ވޮލްވޯ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު މާކެޓެކް މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފުކުރި އެއްޗެކެވެ. މި ސިސްޓަމަކީ އޮޑިދޯނިފަހަރުގައި ހަރުކުރާ ހުންގާނު ސިސްޓަމެކެވެ. ނަމަވެސް އެހެން ހުންގާނު ސިސްޓަމާ ހިލާފަށް ވޮލްވޯ އައިޕީއެސް ސިސްޓަމުގެ ބުރަފަތި ހަރުކޮށްފައި ހުންނަނީ އިދިކޮޅަށެވެ.

މާކެޓެކް މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އަހުމަދު އަޖުވަދު ކިޔައިދިން ގޮތުގައި އެ ސިސްޓަމް އަލަށް ފެންނަ ކޮންމެ މީހަކުވެސް އެ ބުރަފަތި އެހުރީ ނުބައިކޮށް ހަރުކޮށްފައި ކަމަށް ހީކޮށް އެކަމާ ސުވާލުކުރެ އެވެ. ނަމަވެސް މި އިންޖީނުތަކުގައި ބުރަފަތި ހަރުކުރާ ގޮތަކީ އެއީ އެވެ.

ވޯލްވޯ ޕެންޓާ އިންބޯޑް ޕާފޯމަންސް ސިސްޓަމް (އައިޕީއެސް)އަކީ ތިމާވެއްޓާ ރައްޓެހި، ހަރަދުކުޑަ، އަޑުމަޑު، މާކެޓުގައި ދެވަނައެއް ނެތް ފަދަ ސިސްޓަމެކެވެ. އަޖުވަދު ކިޔައިދިން ގޮތުގައި ވޮލްވޯ ޕެންޓާ މެރިން އިންޖީނާއި އެ ބްރޭންޑުގެ ޖަނަރޭޓަރުން 30 ޕަސެންޓާ ހަމައަށް ތެލުގެ ހަރަދު ކުޑަކުރެވޭއިރު އިންޖީނުން ޖައްވަށް ބޭރުކުރާ ވިހަގޭސް 30 ޕަސެންޓާ ހަމަޔަށް ކުޑަކުރެވޭނެ އެވެ. އަދި 50 ޕަސެންޓާ ހަމައަށް އިންޖީނުގެ އަޑު މަޑުކޮށްދޭ މި ސިސްޓަމާއެކީ މެރިން އިންޖީނުގެ ޓޮޕް ސްޕީޑް 20 ޕަސެންޓާ ހަމައަށް އިތުރުވެ، ކްރޫޒް ކުރެވޭ ރާސްތާ 40 ޕަސެންޓާ ހަމައަށް އިތުރުކޮށްލެވޭނެ އެވެ.

"ހާއްސަކޮށް ރާއްޖެފަދަ ގައުމަކަށް މިކަހަލަ އިންޖީނެއް މުހިއްމު. ތިމާވެއްޓާ ރައްޓެހި، ތެލުގެ ހަރަދުކުޑަ އަދި އެހާ އަޑު މަޑުވާނެ" އޭނާ ބުންނެވެ.

އަޖުވަދު ކިޔައިދިން ގޮތުގައި ވޮލްވޯ ޕެންޓާ އައިޕީއެސް ސިސްޓަމުގެ އެންމެ ތަފާތު އީޖާދީ ފީޗާއަކީ ހުންގާނުގެ ބަދަލުގައި ޖޮއިސްޓިކެއް ބޭނުންކޮށްގެން އިންޖީނުގެ ބުރަފަތި ކޮންޓްރޯލް ކުރެވުމެވެ. އޭގެ ސަބަބުން ދޯންޏެއް ދުއްވުމުގެ ހުނަރު ނުވަތަ ތަޖުރިބާ ދުވަހަކު ނެތް މީހަކަށްވެސް އަދި ކުޑަކުއްޖަކަށްވެސް ދޯނި ޖެޓީއާ ގާތްކޮށް ބަނދަރުކޮށް ހަދާލެވޭހާ ފަސޭހަކޮށްދެ އެވެ. "އެސިސްޓަޑް ޑޮކިން" އާއި "ގްލާސް ކޮކްޕިޓް ޑިސްޕްލޭ" ހިމެނޭ ފަދަ ފީޗާތައް ވެސް އެކުލެވޭ މި ސިސްޓަމަކީ އިންޑަސްޓްރީގައި ފުރަތަމަ ފަަހަރަށް ތައާރަފުކުރި ސިސްޓަމެވެ.

"މިއީ ދުއްވުމުގެ ތަޖުރިބާ ނެތް މީހަކަށްވެސް އަދި 10 ވަރަކަށް އަހަރުގެ ކުޑަކުއްޖަކަށްވެސް އޮޕަރޭޓް ކޮށްލެވޭ ސިސްޓަމެއް. ގޭމެއް ކުޅެލުންހާ ފަސޭހަ ކަމެއް. މެރީނާ ފަދަ ޖާގަ ކުޑަތަންތަނުން، ހާއްސަކޮށް ލަގްޒަރީ އުޅަނދުފަހަރު ވަދެ ނުކުމު ހަދާއިރު ޖޮއިސްޓިކް ބޭނުންކޮށްގެން އެހެން އެއްވެސް ސިސްޓަމަކުން ނުލިބޭހާ ކޮންޓްރޯލް ލިބޭނެ" އޭނާ ބުންޏެވެ.

މާކެޓެކް އިން މި ސިސްޓަމް ރާއްޖޭގައި ވިއްކާތާ އަހަރެއް ވަރު ވެދާނެއެވެ. ރާއްޖޭގައި އެންމެ ގިނައިން މި ސިސްޓަމް ބޭނުން ކުރަމުން އަންނަނީ ރިސޯޓު ތަކުގައި ގެންގުޅޭ ލަގްޒަރީ އުޅަނދުފަހަރުތަކުގަ އެވެ. އަޖުވަދު ކިޔައިދިން ގޮތުގައި ރާއްޖޭން މިހާތަނަށް މި ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ކޮމެންޓު ތަކެވެ.

ވޮލްވޯ ޕެންޓާ އިންޖީނަކީ ހަމައެކަނި ލަގްޒަރީ އުޅަނދުތަކަށް ތައްޔާރުކޮށްފައިވާ އިންޖީނު ތަކެއް ނޫނެވެ. ލެއިޝާ ކެޓަގަރީގެ އިންޖީނުތަކުގައި 1000 ހޯސްޕަވަރު ހުންނައިރު ކޮމާޝަލް ބޭނުންތަކަށް އުފައްދާފައި ހުރި އިންޖީނުތަކުގައި 800 ހޯސްޕަވަރު ހުރެއެވެ. އަދި މެރިން ޖެންސެޓުތަކުގައި 1500-1800 އާރުޕީއެމް ހުރެއެވެ.