ޝަރީއަތުން ކަމެއް ސާބިތު ނުވަނީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކުށްވެރިއެކޭ ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި، މިފަހުން ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވީ ކޮން ކަމެއް ހާސިލްކުރައްވަންތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މަވޯޓާ ޝަރީފް ވިދާޅުވީ، ރައީސް ޔާމީނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވުމަށް ކުރާ މަސައްކަތުގެ ތެރެއިން ބޭއްވި ނޫސްވެެެރިންގެ ބައްދަލުވުމެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، ރައީސް ޔާމީނަށް ތުހުމަތުތަކެއް ކުރެވުނަސް އެއީ އަދި ކުށްވެރިއެކޭ ނުބުނެވޭނެ ކަމަށެވެ. އަދި މަޖިލިސް މެންބަރަކަށްވެ ހުރެ އެފަދަ ވާހަކައެއް ދައްކަން ކެރިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވެ ޝަރީއަތް މިކުރެވެނީ، ހެކިތައް ތަހުގީގު މިކުރެވެނީ. ދައުވާ މިކުރެވެނީ. ޝަރީއަތުގައި ހެކިތައް ބަލައިގަންނަ އިޖުރާއަތްތައް ކަނޑައެޅިފައި މި އޮންނަނީ. އެހެންކަމުން އިޖުރާއަތްތަކާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ޝަރީއަތަށް ސާބިތުވަންދެން އަޅުގަނޑުމެން ބަލައިގެންވާނީ އެއީ ޔާމީނަކީވެސް ކުށެއް ނެތް މީހެއް ގޮތަށް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކުށަކުން ބަރީއަވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާ މިންވަރު އޭނާއަށް ފެންނަ ގޮތުގައި މަދު ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އަންނަނީ ދެ މައްސަލައެއް ކުރިއަށްގެންދަމުންނެވެ. އެއީ ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގައި މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކުރިއަށްގެންދާ މައްސަލައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު