އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް ހާއްސަކުރެވިފައިވާ ކްލަބް ޕްރިމިއާ ލައުންޖު، އަޕްގްރޭޑްކޮށް ރަސްމީގޮތުން ހުޅުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ލައުންޖް ހުޅުއްވައިދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާއެވެ. މި ލައުންޖް ހުޅުއްވައިދެއްވައ ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ މި ލައުންޖުގެ ހިތްގައިމު މާހައުލާއި އަދި ހިދުމަތްތަކުގެ ސަބަބުން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ޔަގީންވާ ކަމަށެވެ. އަދި އުރީދޫގެ އާ ކެމްޕޭން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ، އުރީދޫއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ހިދުމަތްތަކާއި، ރާއްޖެއަށް ގެނެސްދޭ ޓެކްނޮލޮޖީއާއި، މި ބްރޭންޑާއެކު ކަސްޓަމަރުންނަށް ލިބިފައިވާ ތަޖުރިބާތައް، މެދުކެނޑުމެއްނެތި އަޕްގްރޭޑް ކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކެމްޕެއިނެއް ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ މި އާ ބްރޭންޑް ކެމްޕޭން، "އަޕްގްރޭޑް ޔޯ ވޯލްޑް" އިން ރަމްޒުކޮށްދެނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކުރުމަށް އެކުންފުނިން ދޭ ހާއްސަ އަހައްމިއްޔަތުކަން ކަމަށެވެ. އަދި މި ވައުދާ އެއްގޮތަށް، އެ ކުންފުނީގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަޕްގްރޭޑް ކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް ހުޅުވާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ކަސްޓަމާ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމުގެ އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި." އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ ކްލަބް ޕްރިމިއާ ލައުންޖަށް މި ގެނެވުނު އަޕްގްރޭޑާއެކު، އުރީދޫގެ ޕްރީމިއާ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ހިދުމަތްތަކާއެކު ހިތްހަމަޖެހޭ ހިދުމަތުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖުން އިތުރު ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭނެ ކަމަށާއި ލައުންޖަށް ވަދެވުމާއެކު، އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ. އަދި ޑިޖިޓަލް ފޯމުތައް މެދުވެރިކޮށް، އުރީދޫގެ ކޮންމެ ހިދުމަތެއްވެސް ފަސޭހަކަމާއެކު ހިޔާރު ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާގެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެއެވެ.

މީގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމުގައިވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެއެވެ. ޕްރައޯރިޓީ ޕާސް މެމްބަޝިޕްއާއެކު އިކޮނޮމީ ކްލާސް ނުވަތަ ޕްރީމިއަމް އިކޮނޮމީ ކްލާސް ޓިކެޓަކާއެކުވެސް މި ލައުންޖްތަކުން ހިދުމަތް ހޯދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.