ޚަބަރު

މެރިން އެކްސްޕޯ: އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ލަކީޑްރޯއެއް

މުހައްމަދު ޖަމްޝަތް ވަހީދު

1

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި އެލައިޑު އިންޝުއަރެންސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ލަކީޑްރޯއެއް ފަށައިފިއެވެ.

އެލައިޑުން މައުލޫމާތުދޭ ގޮތުގައި މި ލަކީޑްރޯގެ ދަށުން އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަަށް މެރިން ހަލް އިންޝުއަރެންސް ސްކީމުން 3000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މި ލަކީޑްރޯގެ އިތުރުން އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމުތަކަށް ހާއްސަ ރޭޓެއް ލިބޭނެ ކަމަަށް އެކުންފުނިން ބުންޏެވެ. އަދި މެރިން ހަލް އަދި މެރިން ކާގޯ އިންޝުއަރެންސް އަދި އޮޑިދޯނިފަހަރު ބަނުމުގެ އިންޝުއަރެންސްއާ ގުޅޭ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ރާއްޖޭގެ މެރިން ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަމައެކަނި އެކްސްޕޯއެވެ. ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) އިން ބާއްވާ މި އެކްސްޕޯގައި މިއަހަރުވެސް 50 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތަކުގެ އިތުރުން މެރިން ފުޑްސް އުފައްދާ ފަރާތްތައް ހިމެނެއެވެ.

އާއްމުކޮށް ހުޅުވާއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިރޭގެ ނިޔަލަށެވެ. އެކްސްޕޯ ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.